ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ޝަރީޢަތް ބެލުމަށް ގާޒީންގެ ބެންޗެއް އެކުލަވާލައިފިއެވެ.
މިކަން ހާމަ ކުރައްވާ ކްރިމިނަލް ކޯޓު ހިންގުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ޙުސެއިން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ރައީސް ޔާމީންގެ ޝަރީޢަތް އެއް ގާޒީ ބެލުމުގެ ބަދަލުގައި ގާޒީންގެ ބެންޗަކުން ބެލުމަށް އެކޯޓުގައި އެދިލައްވާފައިވަނީ ވެސް ރައީސް ޔާމީން ކަމަށެވެ.
ގާޒީ އަލީ ރަޝީދުގެ ބަޔާނުގައި ވިދާޅުވެފައިވަނީ، އެމައްސަލަ އެއް ގާޒީއަކު ބެލުމުގެ ބަދަލުގައި ގާޒީންގެ ބެންޗަކުން ބަލައި ދިނުމަށް ރައީސް ޔާމީންގެ ފަރާތުން އިބްތިދާއީ މަރުހަލާގައި އެދިފައިވާނެ ކަމަށާއި އަދި މިހާރުވެސް އެކަން އެގޮތަށް ހަމަޖެއްސުމަށް އެދޭ ކަމަށް ބުނެ ރައީސް ޔާމީންގެ ފަރާތުން ހުށަހަޅާފައިވާތީ، މައްސަލައިގެ ޒާތަށާއި ބާވަތަށާއި މައްސަލައިގެ ވަށައިގެންވާ އެންމެހާ ކަންކަމަށް ރިޢާޔަތްކޮށް، ގާޒީ އަލީ ރަޝީދަށް ޤާނޫނުން ލިބިދީފައިވާ އިޚްތިޔާރުގެ ދަށުން އެމައްސަލަ ގާޒީންގެ ބެންޗަކުން ބެލުމަށް ނިންމާފައިވާ ކަމަށެވެ.
އެގޮތުން ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ ދެން ބައްލަވާނީ ކްރިމިނަލް ކޯޓު ހިންގުމާއި އިސްކޮށް ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ޙުސެއިން އާއި ގާޒީ އަޙްމަދު ޝަކީލް އާއި ގާޒީ މުޙައްމަދު ސަމީރާއި، ގާޒީ އަލީ އާދަމް ގެ އިތުރުން ގާޒީ ހުސެއިން ފާއިޒް ރަޝާދު އެވެ.
ރައީސް ޔާމީންގެ ޝަރީއަތް މި ފަސް ފަނޑިޔާރުންގެ ބެންޗުން ބެލުމަށް ނިންމާފައިވާއިރު، މިޝަރީޢަތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 ވަނަ ދުވަހުއެވެ.