އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުކަމަށް އެކޮމިޝަންގެ ކުރީގެ ރައީސް ފުވާދު ތައުފީޤް އައްޔަނު ކުރުމަށް ރައްޔިތުންގެ މަޖިލިހުން މިއަދު ފާސް ކޮށްފިއެވެ.
އީސީގެ މެމްބަރުކަމަށް ފުވާދު އައްޔަނު ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ހާޒިރުވެފައި ތިބި މެމްބަރުންގެ ތެރެއިން 70 މެމްބަރުންގެ ވޯޓުންނެވެ.
އެކޮމިޝަންގެ މެމްބަރުކަމުގެ މަގާމަށް ފުވާދު އައްޔަނު ކުރުމަށް ފާސްކޮށްފައި މިވަނީ އީސީގެ މެމްބަރެއް ކަމުގައި ހުންނެވި އަމްޖަދު މުސްތަފާގެ ދައުރު އަންނަ ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހު ހަމަވާނެތީއެވެ.
ފުވާދުގެ އިތުރުން އެމަގާމަށް އީސީގެ މިހާރުގެ ނައިބު ރައީސް އަމްޖަދު މުސްތަފާ އާއި ޤާނޫނީ ވަކީލާ މަރިޔަމް ހަނީފާ ޚާލިދުގެ ނަންވެސް މަޖިލިހުގެ ތަޅުމަށް ފޮނުވާފައިވެއެވެ. އެހެން ނަމަވެސް ފުވާދުގެ ނަން ފާސްވުމާއި ގުޅިގެން އެ ދެ ނަމަށް މަޖިލިހުގައި ވޯޓަށް އަހާފައެއް ނުވެއެވެ.
މިދިޔަ މަޖިލިސް އިންތިހާބުގައި ފުވާދު ވަނީ މައްޗަންގޮޅި ދެކުނު ދާއިރާ އަށް ވާދަކުރައްވައި ނާކާމިޔާބާ ކުރިމަތިވެވަޑައިގެންފަ އެވެ.