ކުރިން އަޅުގަނޑުމެންގެ ތެރޭގައި ނެތް އެތައް ކުށްތަކެއް މިހާރު ވަނީ އަށަގެންފައި: މިނިސްޓަރ ޢިމްރާން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 32ސ
ކުރިން އަޅުގަނޑުމެންގެ ތެރޭގައި ނެތް އެތައް ކުށްތަކެއް މިހާރު ވަނީ އަށަގެންފައި: މިނިސްޓަރ ޢިމްރާން

ކުރީގައި އަޅުގަނޑުމެންގެ ތެރޭގައި ނެތް އެތައް ކުށްތަކެއް މިހާރު ވަނީ އަށަގެންފައިކަމަށް ހޯމް މިނިސްޓަރ ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޢިމްރާން މިހެންވިދާޅުވީ ހއ.ހޯރަފުށީގައި ޤާއިމްކުރި ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުވަން އެރަށުގައި އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.

މިނިސްޓަރ ޢިމްރާން ވިދާޅުވީ ކުރީގައި އަޅުގަނޑުމެންގެ ތެރޭގައި ނެތް އެތައް އާދަތަކެއް، ނުވަތަ ކުށްތަކެއް މިހާރު އަށަގެންފައިވާކަމަށެވެ. އެކަންކަމާ ކުރިމަތިލާ އެކަންކަމަށް ހައްލު ގެނައުމުގައި ފުލުހުން ކުރަމުން އަންނަ ތަޖުރިބާތަކުގައި ދައުލަތުން ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމަށް ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން އެއްދުވަހުން އަނެއް ދުވަހަށް އިތުރުކުރަންޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ މިއަދުގެ ސަރުކާރުން ކުރަން ޤަސްޠުކުރާ ކަމަކީ ފުލުހުންގެ މުއައްސަސާ ހަރުދަނާކުރުމުގައި ފުލުހުންނަށް ދެވޭ ވަޞީލަތްތަކާއި، ފުލުހުންނަށް އެއްބާރުލުން ދިނުމާއެކުގައި ފުލުހުންނާ ރައްޔިތުންނާ އެކުގައި މަސައްކަތްކުރުމުގެ މާހައުލެއް ޤާއިމްކުރުމުގެ މަސައްކަތް ޤާއިމްކޮށްދިނުންކަމަށެވެ.

"އާދެ، ފުލުހުންގެ މަސައްކަތް ހަރުދަނާވެ ކުރިއަރާދާނީ ފުލުހުންނާ ރައްޔިތުންނާ އެކުގައި މަސައްކަތްކުރެވުނު ވަރަކަށް. ފުލުހުންނަށްޓަކައި ރައްޔިތުން އަތުގުޅާލި މިންވަރަކަށް. އަދި ފުލުހުން ރައްޔިތުންނާ ގާތްވި މިންވަރަކަށް. ރަށުގެ އަމާންކަމާއި ޤައުމުގެ އަމާންކަން ބެލެހެއްޓިގެންދާނީ ފުލުހުންނާ ރައްޔިތުންނާ އެކުގައި ރާއްޖޭގެ ޞުލުހަވެރިކަމާ އަމާންކަމަށް މަސައްކަތްކުރި މިންވަރަކަށް. އެހެންކަމުން މިއަދު އަޅުގަނޑު ތިޔަހުރިހާ ބޭފުޅުންނަށް އިލްޠިމާސްކުރަން އޮތީ ރަށުގެ އަމާންކަމާއި ޞުލުހަވެރިކަން ޤާއިމްކުރުމަކީ ހަމައެކަނި ފުލުހުންގެ ޒިންމާއެއްކަމުގައި ނަހައްދަވާށޭ. އެޒިންމާއަކީ ފުލުހުންނާއި، ކައުންސިލާ ރަށުގެ އެހެން މުއައްސަޞާތަކާ، ރަށުގެ ހުރިހާ ރައްޔިތުންގެ ގުޅިގެން އަދާކުރާ ޒިންމާއެއްކަމުގައި ހަދަމާ ހިނގާށޭ" މިނިސްޓަރ ވިދާޅުވިއެވެ. 

މީގެއިތުރުން މިނިސްޓަރ ޢިމްރާން ވިދާޅުވީ ކޮންމެ އިންސާނީ މުޖުތަމައުއެއް ދެމިއޮވެ، އެއިންސާނީ މުޖުތަމައުއެއް ކުރިއަރާ ދިއުމަށްޓަކައި އެމުޖުތަމައަކަށް ލިބެންޖެހޭ ތަނަވަސްކަމާ އުފާފާގަތިކަމުގެ އަޞްލަކީ އެމުޖުމަތައެއްގައި އޮންނަ އަމާންކަންކަމާއި ރައްކާތެރިކަންކަމަށާއި މުޖުތަމައުއެއްގެ ސަލާމަތްކަން އޮންނާނީ އެމުޖުތަމައުގައި އޮންނަ އަމާންކަމާއި، ރައްކާތެރިކަމުގެ މައްޗަށާއި، އެމުޖުތަމައުއެއްގައި އޮންނަ ތަނަވަސްކަމާއި ފާގަތިކަމުގެ މައްޗަށްކަމަށެވެ.

"މިއީ އަޅުގަނޑުމެންގެ ކުރިއެރުމަށްޓަކައި، އަޅުގަނޑުމެންގެ މުސްތަޤުބަލަށްޓަކައި އަޅުގަނޑުމެން އޭގެ މައްޗަށް އަޅުގަނޑުމެންގެ މުޖުތަމައު ބިނާކުރަންޖެހޭ ކަންތައް. އަޅުގަނޑުމެން ކުރިއަރާ ދިއުމަށްޓަކައި އަޅުގަނޑުމެން ބޭނުންވޭ މިނިވަން ސަލާމަތް، ރައްކާތެރި އަމާން މުޖުތަމައުއެއް. އެއާއެކުގައި އޭގެ މައްޗަށް ބިނާވެގެން އަންނަނީ އަޅުގަނޑުމެންގެ ތަނަވަސްކަމާއި ރިޒްޤާއި، އަޅުގަނޑުމެންގެ ތެރޭގައި އޮންނަ އުފާވެރިކަމާއި ފާގަތިކަން. މިދެބައި އެކުވެގެން އައީމަ އެއީ ހިތްހަމަޖެހޭ އުފަލާއެކުގައި ދިރިއުޅެވޭ މުޖުތަމައުއަކަށް ވެގެންދާނީ" މިނިސްޓަރ ވިދާޅުވިއެވެ. 

މިއަދު އޮންލައިން