ރައީސް ޔާމީންގެ ޝަރީއަތް މާދަމާ މެންދުރު

ކިޔުމަށް ހޭދަވާނީ 1މ 18ސ
ރައީސް ޔާމީންގެ ޝަރީއަތް މާދަމާ މެންދުރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް މާދަމާ މެންދުރު ބޭއްވުމަށް ހަމަޖެހިއްޖެއެވެ.

ކްރިމިނަލް ކޯޓުގައި ބޭއްވުމަށް ހަމަޖެހިފައިވާ މި އަޑުއެހުން އޮންނާނީ މާދަމާ މެންދުރު 1:30 ގައެވެ.

އެ މައްސަލައިގެ ހުކުމް އިއްވުމަށް މިދިޔަ އަންގާރަ ދުވަހު އަޑުއެހުމެއް ބާއްވަން ތާވަލުކުރި ނަމަވެސް އެ މައްސަލަ ބައްލަވާ ކްރިމިނަލް ކޯޓުގެ އިސް ފަނޑިޔާރު އަހުމަދު ހައިލަމް ކުއްލި ގޮތަކަށް ސަސްޕެންޑު ކުރަން ޖޭއެސްސީން ނިންމުމުން އެ އަޑުއެހުން ވަނީ ކެންސަލްކޮށްފައެވެ.

ހައިލަމް ސަސްޕެންޑު ކުރުމަށްފަހު މި މައްސަލަ ބެލުމަށް ކްރިމިނަލް ކޯޓުން މިހާރު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗެއް އެކުލަވާލާފައެވެ. ނަމަވެސް އެ ބެންޗުން މައްސަލަ ކުރިއަށް ގެންދާނެ ގޮތެއް އަދި އެނގިފައެއް ނުވެއެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 152 ވަނަ މާއްދާގައިވާ ގޮތުން މައްސަލަ ބެލުމަށް ފަނޑިޔާރު ނުކުޅެދޭ ހާލަތުގައި އެ ކޯޓަކަށް ކަނޑައެޅިފައިވާ އެހެން ފަނޑިޔާރަކަށް މައްސަލަ ކުރިއަށް ގެންދެވިދާނެ އެވެ. ނުވަތަ މައްސަލައިގެ ޝަރީއަތް އަލުން ބޭއްވުމަށް ވެސް ކަނޑައެޅިދާނެ އެވެ.

ރައީސް ޔާމީންގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ އުފުލާފައިވަނީ އެސްއޯއެފް ޕްރައިވެޓް ލިމިޓެޑު ކިޔާ ކުންފުންޏަކުން ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވާތީއެވެ.

މަނީލޯންޑްރިންގެ ކުށް ސާބިތުވެއްޖެ ނަމަ، އަދަބަކީ ފަސް އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.

މިއަދު އޮންލައިން