ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގައި، އެމަނިކުފާނަށް ހުކުމް އިއްވުން މިމަހުގެ 28 ވަނަ ދުވަހަށް ތާވަލު ކޮށްފިއެވެ.
ރައީސް ޔާމީންގެ މައްޗަށް މިމައްސަލައިގައި ހުކުމް އިއްވުމަށް މިމަހުގެ 5 ވަނަ ދުވަހުވެސް ތާވަލު ކުރެވުނެވެ. ނަމަވެސް އެއިރު މިމައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް ގެ ސުލޫކީ މައްސަލައެއްގެ ސަބަބުން ޖޭއެސްސީން ފަނޑިޔާރު ހައިލަމް ސަސްޕެންޑުކޮށް، އެދުވަހު ބޭއްވުމަށް ހަމަޖެހުނު ރައީސް ޔާމީންގެ އަޑުއެހުން ވެސް ކެންސަލް ކުރިއެވެ.
އެއަށްފަހު މިމައްސަލައިގެ އަޑުއެހުމެއް ބާއްވާފައި މިވަނީ މިއަދު މެންދުރު 13:40 ހާއިރުއެވެ. މިއަދުގެ އަޑުއެހުން ފަނޑިޔާރު ކޮށްދެއްވީ ކްރިމިނަލް ކޯޓު ހިންގުމާ މިހާރު ހަވާލުވެވަޑައިގެން ހުންނެވި ގާޒީ އަލީ ރަޝީދު ހުސައިނާއި، ގާޒީ އަހުމަދު ޝަކީލާއި، ގާޒީ މުހައްމަދު ސަމީރާއި، ގާޒީ އަލީ އާދަމްގެ އިތުރުން ގާޒީ ހުސައިން ފާއިޒް ރަޝާދު އެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމީންގެ ގާނޫނީ ޓީމުގެ ވަކީލް ވިދާޅުވީ އެ ފަރާތުން ބޭނުން ވަނީ މިމައްސަލައިގެ އަޑުއެހުން އަލުން ފަށައިގެން ކުރިއަށް ގެންދިއުމަށެވެ.
ނަމަވެސް ގާޒީންގެ މަޖިލީހުން ނިންމީ މިމައްސަލަ ކުރިން ނިންމާފައި އޮތް ހިސާބުން ފެށުމަށެވެ.
ގާޒީ އަލީ ރަޝީދު ވިދާޅުވީ އެގޮތަށް ނިންމެވީ މައްސަލަ ބައްލަވާ ގާޒީ ބަދަލުވާ ހާލަތުގައި މީގެކުރިންވެސް އަމަލުކޮށްފައިވަނީ އެ އުސޫލުން ކަމަށްވާތީ ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްސަލައިގައި ހެކިބަސް ނަގާފައިވާތީ އަލުން ހެކިބަސް ނެގުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމުގައިވެސް ވިދާޅުވި އެވެ.
ދައުވާ ލިބޭ ފަރާތުން އިތުރުކަމެއް ފާހަގަކުރަން ބޭނުންވޭތޯ ގާޒީ އަލީ ރަޝީދު އެއްސެވުމުން ރައީސް ޔާމީނާއި އެމަނިކުފާނުގެ ގާނޫނީ ޓީމުން ވަނީ ފަނޑިޔާރުންގެ ބެންޗުގައި ގާޒީ އަލީ ރަޝީދު އިންނެވުމަށް އެ ފަރާތުން އިންކާރުކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ސަބަބެއް ކަމަށް ފާހަގަކުރެއްވީ ގާޒީ އަލީ ރަޝީދުގެ މައްސަލައެއް ޖޭއެސްސީއަށް ހުށަހެޅިފައި އޮތުމެވެ.
އެހެންކަމުން ޝަރީއަތް ވަގުތުކޮޅަކަށް މެދުކަނޑާލުމަށްފަހު އަލުން މައްސަލަ ފެށުމަށްފަހު ގާޒީ އަލީ ރަޝީދު ވަނީ މިމައްސަލައިގައި އޭނާ ތަނާޒުލް ވާންޖެހޭ ކަމެއް ނެތް ކަމަށް ފަނޑިޔާރުންގެ މަޖިލީހަށް ފެންނާތީ އޭނާ ތަނާޒުލް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ކޮށްފައިވަނީ، އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކައުންޓުން ރައީސް ޔާމީންގެ އެކައުންޓަށް ދެފަހަރެއްގެ މަތިން ޖުމުލަ 1 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ މައްސަލައިގަ އެވެ.
މަނީލޯންޑްރިންގެ ކުށް ސާބިތުވެއްޖެ ނަމަ އަދަބަކީ ފަސް އަހަރާއި 15 އަހަރުގެ މުއްދަތަކަށް ޖަލަށްލުމެވެ.