ލަނޑާ ނަގަން އުޅުނު ދޯންޏެއްގެ ބައަކު ރޭ އަނިޔާކޮށް އަދި ވަޅިން ޒަޚްމްކޮށްލުމަށްފަހު މޫދަށް އެއްލައިލި މީހާއަށް އައިޖީއެމްއެޗްގަ ފަރުވާދެމުން ގެންދާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ މިކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ 3.06 ހައިއިރު ކަމަށެވެ.
ފުލުހުން ބުނީ އޭނާ ޒަޚަމްކޮށްލާފައިވަނީ ލަނޑާ ނަގަން އުޅުނު ދޯންޏެއްގައި ހިނގި މާރާމާރީއެއްގައި ކަމަށެވެ. އަދި އޭނާގެ ޙާލު ސީރިއަސް ކަމަށާއި ޒަޚަމްތައް ފެންނަންވެސް އެބަހުރި ކަމަށާއި މައްސަލަ ގެންދަނީ ތަޙްޤީޤްކުރަމުން ކަމަށެވެ.
ސަން އޮންލައިނުން ބުނެފައިވަނީ އެ ދޯންޏަކީ ހަރުކަށި ފިކުރުގެ ގިނަ ބައަކު އުޅޭ ދޯންޏެއް ކަމަށާއި ހަމަލާދިނީވެސް ޒަޚަމްވީވެސް ހަރުކަށި ފިކުރުގެ 2 މީހުން ކަމަށެވެ. އަދި އޭނާ ކަނޑަށް އެއްލައިލުމުން ފަތާފައި ގޮސް ކައިރީގައި އޮތް މާޅޮހަށް އަރާތަން ފެނުމުން އޭނާ ހޯދަން އެ ރަށަށްވެސް ޙަމަލާދިން މީހުން އެރި ކަމަށެވެ. އަދި އޭނާ އެރަށު ޞިއްޙީ މަރުކަޒަށް ގެންގޮސް ދިނީ އެމީހުންނަށް ފިލަން ފާރެއްގެ ނިވަލުގައި އޮއްވައި ފެނުނު މާޅޮހު 2 ޒުވާނުން ކަމަށްވެސް ބުނެފައިވެއެވެ.