ނައިބު، ރައީސް ކުޅުދުއްފުށްޓަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވައިފި

ކިޔުމަށް ހޭދަވާނީ 2މ 38ސ
ނައިބު، ރައީސް  ކުޅުދުއްފުށްޓަށް ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ ދެކުނުބުރީގެ ބައެއް ރަށްތަކަށް އިއްޔެ ފެއްޓެވި ދަތުރުފުޅުގައި އެއަތޮޅު ކުޅުދުއްފުށްޓަށް މިއަދު ވަޑައިގެން އެރަށު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

 ނައިބު ރައީސް ކުޅުދުއްފުށްޓަށް ފައިބައި ވަޑައިގަތުމާއެކު އެރަށުގެ ރައްޔިތުން އެމަނިކުފާނަށް ވަރަށް ހޫނު މަރުޙަބާއެއް ދެންނެވިއެވެ.

 ނައިބު ރައީސް ކުޅުދުއްފުށްޓަށް މިކުރެއްވި ޒިޔާރަތުގައި އެރަށު ކައުންސިލާއިއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލަރުން ވަނީ އެރަށުގެ ތަރައްޤީއަށް ބޭނުންވާ މުހިންމު ކަންކަމާއި ރަށުގެ ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް  ނައިބު ރައީސް ޙިއްޞާކުރައްވާފައެވެ. މިގޮތުން ކައުންސިލަރުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި ކުނި މެނޭޖުކުރުމުގެ މައްސަލައާއި މީހުން ތަމްރީނުކޮށް އެކިދާއިރާތަކުން މީހުން ބިނާކުރުމުގައި އެހީތެރިކަން ބޭނުންވާކަން ފާހަގަކުރައްވާފައެވެ. އަދި ކައުންސިލުގެ އިދާރާގެ ޖާގައިގެ ދަތިކަމުން ކައުންސިލުގެ ބައެއް މަސައްކަތްތައް ކުރިޔަށްގެންދިއުމުގައި ހުރި ދަތިތައް ކައުންސިލަރުން ފާހަގަކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި  ނައިބު ރައީސް ދެއްކެވި ވާހަކަފުޅުގައި ލާމަރުކަޒީ ނިޒާމުގެ ތެރެއިން ކައުންސިލުތަކަށް ލިބިގެންދާ ބާރުތަކާއި ޒިންމާތައް އިތުރުވެ އަންނަ އަހަރުގެ ބަޖެޓުން ކައުންސިލުތަކަށް ކަނޑައެޅިފައިވާ ބަޖެޓް ލިބުމުން ކައުންސިލަރުން ފާހަގަކުރެއްވި ގިނަ މައްސަލަތަކަށް ޙައްލު ލިބިގެންދާނެކަން ފާހަގަކުރެއްވިއެވެ.

އަދި ކައުންސިލުން ކަންކަން ކުރުމުގައި ރައްޔިތުންނާއި ޚިޔާލު ހޯއްދަވައިގެން، ރައްޔިތުންގެ މަޝްވަރާގެ މަތިން ތަރައްޤީގެ ކަންކަން ކުރިޔަށްގެންދިއުމުގެ މުހިންމުކަން  ނައިބު ރައީސް ފާހަގަކުރެއްވިއެވެ. މީގެއިތުރުން އެކަކު އަނެކަކަށް އަޅާލާ އޯގާތެރި މުޖުތަމަޢެއް ބިނާކުރުމުގެ މުހިންމުކަމާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ފުރުޞަތުތައް ތަނަވަސްކޮށްދިނުމަށް މަސައްކަތްކޮށްދެއްވުމަށް ކައުންސިލަރުންގެ ކިބައިން  ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

 ނައިބު ރައީސް ކުޅުދުއްފުށްޓަށް ކުރެއްވި މި ޒިޔާރަތުގައި މިއަދު ވަނީ ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި މިއަހަރުގެ ހިތާނީ ކޭންޕު ރަސްމީކޮށް އިފްތިތާޙްކޮށްދެއްވާފައެވެ.

އެމަނިކުފާނުގެ މި ޒިޔާރަތުގައި ހޮސްޕިޓަލުގެ މެނޭޖްމަންޓާއި ސްޓާފުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި ޞިއްޙީ ޚިދުމަތުގެ ފެންވަރު މަތިކުރުމަށް ސަރުކާރުން ކުރައްވާ މަސައްކަތްތައް ފާހަގަކުރެއްވިއެވެ. އަދި ޚާއްޞަކޮށް، ބައެއް ސަރަހައްދުތަކުގައި މަތީ ފެންވަރުގެ ޞިއްޙީ ޚިދުމަތް ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ސަރުކާރުން މަސައްކަތްކުރަމުން އަންނަކަމުގައި ވިދާޅުވިއެވެ.

ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަކީ ތަފާތު އެކިއެކި ބަލިތަކަށް ފަރުވާ ހޯދުމަށް އެކި ރަށްރަށުންވެސް ގިނަ ބަޔަކު ޒިޔާރަތްކުރާ ހޮސްޕިޓަލެއް ކަމުގައިވާތީ އެ ހޮސްޕިޓަކަށް ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް އޯގާތެރިކަމާއެކު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދެއްވުމަށް ހޮސްޕިޓަލުގެ މެނޭޖުމަންޓާއި ސްޓާފުންގެ ކިބައިން  ނައިބު ރައީސް އެދިވަޑައިގެންނެވިއެވެ.

ރީޖަނަލް ހޮސްޕިޓަލުގެ އިތުރުން  ނައިބު ރައީސް މިއަދު ވަނީ އެރަށުގައި ހުންނަ ފެމިލީ އެންޑް ޗިލްޑްރެންސް ސަރވިސް ސެންޓަރަށް ޒިޔާރަތްކުރައްވައި އެތަނުގެ މަސައްކަތްތައް ވެސް ބައްލަވައިލައްވާފައެވެ.

މިއަދު އޮންލައިން