ގެމަނަފުށީގަ ބަޔަކު ރަސޫލުކަމަށް ދައުވާކުރާކަން އެނގިފައެއް ނެތް، ބެލެވެނީ އެއީ ސިޔާސީ ދެބަސްވުމެއްގެ ތެރޭގަ ކޮށްގެން އުޅޭ ކަމެއް ކަމަށް: ކައުންސިލްގެ ރައީސް

ކިޔުމަށް ހޭދަވާނީ 1މ 12ސ
ގެމަނަފުށީގަ ބަޔަކު ރަސޫލުކަމަށް ދައުވާކުރާކަން އެނގިފައެއް ނެތް، ބެލެވެނީ އެއީ ސިޔާސީ ދެބަސްވުމެއްގެ ތެރޭގަ ކޮށްގެން އުޅޭ ކަމެއް ކަމަށް: ކައުންސިލްގެ ރައީސް

ގއ. ގެމަނަފުށީގައި ބަޔަކު ރަސޫލު ކަމަށް ދައުވާކުރަމުން އަންނަ ކަމާއި އެފަދަ ހަރަކާތްތަކެއް ހިންގަމުންދާކަމުގެ ޚަބަރުތައް، އެރަށު ކައުންސިލުން ދޮގު ކޮށްފިއެވެ.

ގެމަނަފުށީ ކައުންސިލުގެ ރައީސް އަބްދުﷲ ޝިޔާން "މިއަދުނޫހަށް" މައުލޫމާތު ދެއްވަމުން ވިދާޅުވީ، ގެމަނަފުށީގައި ބަޔަކު ރަސޫލުކަމަށް ދައުވާކުރާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ކޮށްފައިވާ ޕޯސްޓަކީ އާއްމު މީހަކު ކުރި ޕޯސްޓެއް ކަމަށާއި އެޕޯސްޓު މިހާރު ޑިލީޓު ކޮށްފައިވާ ކަމަށެވެ. އަދި އެރަށަކީ ހަރުކަށި ފިކުރާއި އެފަދަ އެއްވެސް ހަރަކާތެއް ވެސް ހިންގަމުން އަންނަ ރަށެއް ނޫން ކަމަށް ވެސް ކައުންސިލުގެ ރައީސް ވިދާޅުވިއެވެ.

"އާއްމުންގެ މީހަކު ކުރި ޕޯސްޓެއް އެއީ، އެޕޯސްޓު މިހާރުވަނީ ޑިލީޓު ވެސް ކޮށްފަ. އެހެންނަމަވެސް ބަޔަކު ސްކްރީންޝޮޓް ނަގައިގެން އެއުޅެނީ. ގެމަނަފުށީގަ ބަޔަކު ރަސޫލުކަމަށް ދައުވާކުރާ ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވޭ، އަދި މިރަށަކީ ދީނީ ހަރުކަށި ފިކުރާއި އެފަދަ ހަރަކާތެއް ވެސް ހިންގަމުން އަންނަކަން އެނގިފައެއް ނެތް" ޝިޔާން ވިދާޅުވިއެވެ.

މީގެއިތުރުން ކައުންސިލް ރައީސް ވިދާޅުވީ، މިދުވަސްވަރަކީ ސިޔާސީ ކަންތައްގަނޑެއް ފެންމަތިވެފައިވާ ދުވަސްވަރަކަށްވާތީ، މިއީ ވެސް އެފަދައިން ސިޔާސީ ދެބަސްވުމެއްގެ ތެރޭގައި ކޮށްގެން އުޅޭކަމެއް ކަމުގައި ބެލެވޭ ކަމަށެވެ.

ގެމަނަފުށީގައި ބަޔަކު ރަސޫލުކަމަށް ދައުވާކުރާ ކަމަށް ސޯޝަލް މީޑިއާގައި ޚަބަރު ފެތުރުމާއި ގުޅިގެން އެމައްސަލަ ބަލަމުންދާކަން، ފުލުހުން ވަނީ މިއަދު އިއުލާނު ކޮށްފައެވެ.

މިއަދު އޮންލައިން