މޯލްޑިވްސް ޕޮލިސް ސަރވިސްއިން ފޯރުކޮށްދެމުންދާ ސެކިއުރިޓީ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމަށް ކުރެވޭ މަސައްކަތަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން ސްޓޭޓް ބޭންކް އޮފް އިންޑިއާ އިން ވެހިކަލެއް ހަދިޔާކޮށްފިއެވެ.
މިކަމަށްޓަކައި އިއްޔެ އިސްކަންދަރު ބިލްޑިންގގައި ބޭއްވި ރަސްމިއްޔާތެއް މި ވެހިކަލް ފުލުހުންނާ ހަވާލުކޮށްދެއްވީ ސްޓޭޓް ބޭންކު އޮފް އިންޑީއާގެ ކަންޓްރީ ހެޑް އަދި ސީއީއޯ އަމްރިތޭޝް މޯހަން އެވެ.

ފުލުހުންގެ ފަރާތުން މި ވެހިކަލްއާ ހަވާލުވެލެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދުއެވެ.ވެހިކަލް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ޢަބްދުލް މަންނާން ޔޫސުފް އާއި ފުލުހުންގެ އެކްޒެކެޓިވް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުންގެ އިތުރުން ސްޓޭޓް ބޭންކް އޮފް އިންޑިއާގެ އިސްވެރިން ބައިވެރިވެލެއްވިއެވެ.
ސްޓޭޓް ބޭންކް އޮފް އިންޑިއާގެ ފަރާތުން ފުލުހުންނަށް ވެހިކަލް ހަދިޔާކޮށްފައިވާއިރު، ސެކިއުރިޓީ ޚިދުމަތް އިތުރަށް ހަރުދަނާކޮށް ކުރިއެރުވުމުގެ ގޮތުން ބޭނުންވާ ވަސީލަތް ހޯދުމުގައާއި މީހުން ބިނާކުރުމުގައި އެހީތެރިވުމަށްޓަކައި މިއަހަރުގެ ތެރޭގައި ސްޓޭޓް ބޭންކް އޮފް އިންޑިއާ އާއި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ދެމެދު ވަނީ އެމްއޯޔޫއެއްގައި ސޮއިކޮށްފައެވެ.