ޔާމީނަށް ޙުކުމްކުރި 5 ފަނޑިޔާރުން ޖަލަށްލާނެ ކަމުގެ އިންޒާރު އަދުރޭ ދީފި!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 58ސ
ޔާމީނަށް ޙުކުމްކުރި 5 ފަނޑިޔާރުން ޖަލަށްލާނެ ކަމުގެ އިންޒާރު އަދުރޭ ދީފި!

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ހުކުމް ކުރި ކްރިމިނަލް ކޯޓުގެ ބެންޗުގައި ތިއްބެވި ފަސް ފަނޑިޔާރުން ޖަލަށް ލާނެ ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ކްރިމިނަލް ކޯޓު ސަރަހައްދަށް އެއްވެފައި ތިބި ރައީސް ޔާމީންގެ ސަޕޯޓަރުންނާ މުހާތަބު ކުރައްވާ އަބްދުއްރަހީމް މިއަދު ވިދާޅުވީ،
އަޅުގަނޑުމެންގެ ވެރިކަމެއްގައި ފަނޑިޔާރުނަށް ޖަލަށް ލައްވާނެކަމަށާއި އަދި ފަނޑިޔާރުންގެ އިތުރުން މިސަރުކާރުގެ އިސްވެރިންގެ މައްސަލަތައް ވެސް ބަލާނެ ކަމަށެވެ.

ކުރީގެ މަޖިލީހުގެ މެންބަރުކަން ވެސް ކުރެއްވި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޔާމީން މިނިވަންވެވަޑައިގަންނަވަންދެން އެ ފަރާތްތަކުން މަސައްކަތް ހުއްޓާ ނުލާނެ ކަމަށާއި އެހެން ފަރާތަކުން އެ ޕާޓީއަށް ވެރިވެގަތުމަށް ވެސް ފުރުސަތު ނުދެއްވާނެ ކަމަށެވެ. އަދި ރައީސް ޔާމީނަށްޓަކައި ވާންޖެހުނު ކޮންމެ ގުރުބާނީއެއް ވެސް ވާނެ ކަމަށެވެ.

ޔާމީން ފަސް އަހަރަށް ޖަލަށް ލައި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާކޮށް، ހަ މަސް ދުވަހުގެ ތެރޭގައި ފައިސާ ދައްކަން ކްރިމިނަލް ކޯޓުގެ 5 ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ވަނީ ހުކުމް ކޮށްފައެވެ.

މިއަދު އޮންލައިން