މިއަދަކީ ރާއްޖޭގެ ތާރީޚުގައި އަނެއްކާ ވެސް ފާހަގަ ކޮށްލެވޭނެ ދުވަހެކެވެ. ރާއްޖޭގައި ވެރިކަން ކުރި ރައީސަކަށް އަނެއްކާވެސް ޖަލު ހުކުމެއް އިއްވި ދުވަހެވެ. މިއީ ކުރީގެ ރައީސުން ތަކަކަށް ވެސް އިއްވި ހުކުމެއް ކަމުގައިވީ ނަމަވެސް، މިފަހަރު "ފަސް" ވަނަ ނަންބަރު މިވަނީ މިހުކުމުގައި އިއްތިފާގަކުން ވިޔަސް ވަރަށް އިސް ރޯލެއް އަދާކޮށްފައެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލައިގައި، އެމަނިކުފާނުގެ މައްޗަށް އެކުށް ސާބިތުވެ، ރާއީސް ޔާމީން ވަނީ ފަސް (5) އަހަރަށް ޖަލަށްލާން ހުކުމް ކޮށްފައެވެ. އަދި މިއާއެކު ހަ މަސް ދުވަހުގެ ތެރޭގައި ފަސް (5) މިލިއަން ޔޫއެސް ޑޮލަރު ދައުލަތަށް ދެއްކުމަށް ވެސް މިމައްސަލަ ބެއްލެވި ކްރިމިނަލް ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ވަނީ އިއްތުފާގުވެ ހުކުމް އިއްވާފައެވެ.
ރައީސް ޔާމީންގެ މައްޗަށް ދައުލަތުން ދައުވާކުރި މަނީ ލޯންޑަރިންގެ މައްސަލައިގެ ފަނޑިޔާރަކަށް މީގެ ކުރިން ހުންނެވީ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އެވެ. ނަމަވެސް ގާޒީ ހައިލަންގެ މައްޗަށް އުފުލުނު ސުލޫކީ މައްސަލައަކާއި ގުޅިގެން އެމަނިކުފާނު ވަނީ ސަސްޕެންޑު ކޮށްފައެވެ. އެއަށްފަހު ރައީސް ޔާމީންގެ ޝަރީޢަތް ބެއްލެވީ ފަސް (5) ފަނޑިޔާރުންގެ ބެންޗަކުންނެވެ. އެއީ ކްރިމިނަލް ކޯޓު ހިންގުމާއި އިސްކޮށް ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ޙުސެއިން އާއި ގާޒީ އަޙްމަދު ޝަކީލް އާއި ގާޒީ މުޙައްމަދު ސަމީރާއި، ގާޒީ އަލީ އާދަމް ގެ އިތުރުން ގާޒީ ހުސެއިން ފާއިޒް ރަޝާދު އެވެ.
ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމަކީ ރާއްޖޭގެ ދެވަނަ ޖުމްހޫރިއްޔާގެ ފަސް (5) ވަނަ ރައީސެވެ. ވެރިކަމުގައި ހުންނެވީ ވެސް ފަސް (5) އަހަރު ވަންދެނެވެ.
ރާއްޖޭގެ ތާރީހުގައި ވެރިކަން ކުރެއްވި ބޭފުޅެއްގެ މައްޗަށް ހިޔާނާތުގެ ކުށެއް ސާބިތުވެފައިވަނީ 1986 ވަނަ އަހަރު ކުރީގެ ރައީސް އިބްރާހިމް ނާސިރަށެވެ. އެމަނިކުފާނުގެ މައްޗަށް ހުކުމް ކުރެއްވީ 25 އަހަރަށް އަރުވާލުމަށެވެ. ނަމަވެސް އޭގެ ހަތަރު އަހަރު ފަހުން (ރައީސް މައުމޫންގެ ވެރިކަމުގައި) އިބްރާހިމް ނާސިރަށްވަނީ މާފު ދެއްވާފައެވެ.