ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިން މައްސަލައިގެ ކުށް އެމަނިކުފާނުގެ މައްޗަށް ސާބިތުވާކަމަށް ނިންމާ، ފަސް އަހަރު ދުވަހުގެ ޖަލު ހުކުމަކާއި ހަ މަސް ދުވަހުގެ ތެރޭގައި ފަސް މިލިއަން ޔޫއެސް ޑޮލަރު ދައުލަތަށް ދެއްކުމަށް ކްރިމިނަލް ކޯޓުން މިއަދު އިއްވި ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ރައީސް ޔާމީންގެ މައްޗަށް އިއްވި ހުކުމް އިސްތިއުނާފު ކުރުމުގެ މަސައްކަތް ފަށާފައިވަ ކަމަށް ވިދާޅުވީ އެމަނިކުފާނުގެ ޤާނޫނީ ޓީމުގައި ހިމެނިވަޑައިގަންނަވާ ވަކީލު އަބްދުﷲ ސިޔާޒް އެވެ.
ވަކީލު ސިޔާޒު ވިދާޅުވީ، ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމަކީ ޤާނޫނީ ހަމަތަކުގެ އިތުރުން ބުއްދީގެ ހަމަތަކާވެސް ޚިލާފަށް ކޮށްފައިވާ ހުކުމެއް ކަމަށެވެ. އެމަނިކުފާނަށް ކޮށްފައިވާ ހުކުމް ބަލައި ނުގަންނަ ކަމަށާއި، ރައީސް ޔާމީން މިނިވަންވަންދެއް މަސައްކަތް ކުރާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވެސް ވަނީ ބުނެފައެވެ.