ލޯކަލް މާރުކޭޓުން 3 ފުޅި ރިހާކުރު ވަގަށްނެގި މީހަކު 6 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކުރުމުން ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަމުން އެބަ ގެންދެއެވެ.
ފުލުހުން ބުނެފައިވަނީ ލޯކަލް މާރުކޭޓުގެ ގޮޅިއަކުން 250 ރުފިޔާގެ އަގުހުރި 3 ފުޅި ރިހާކުރު ވަގަށް ނަގާފައިވާ މައްސަލައާ ގުޅިގެން ޙުކުމް ކޮށްފައިވަނީ ކ. މާލެ، ހ. ޔާރު، އަޙްމަދު ރިޔާޟް (43އ) ގެ މައްޗަސް ކަމަށެވެ.
ދަޢުލަތުން އަޙްމަދު ރިޔާޟްގެ މައްޗަށް ވައްކަން ކުރުމުގެ ކުށުގެ ދަޢުވާ އުފުލާފައިވަނީ، 2014 މާރޗް 04 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި، ލޯކަލް މާރުކޭޓް 39 ނަންބަރު ގޮޅީގައި ބަހައްޓާފައިހުރި 250 ރުފިޔާގެ އަގުހުރި 3 ފުޅި ރިހާކުރު ވަގަށް ނަގާފައިވާ މައްސަލަ އާ ގުޅިގެންނެވެ.
ދަޢުލަތުން އަޙްމަދު ރިޔާޟްގެ މައްޗަށް ކުޅަ މި ދަޢުވާ ކްރިމިނަލް ކޯޓުން ބެލުމަށްފަހު ކޮށްފައިވާ ޙުކުމުގައި ބުނަނީ، މި ދަޢުވާއަށް އަޙްމަދު ރިޔާޟް އިންކާރު ކުރި ނަމަވެސް، ދަޢުލަތުން ހުށަހެޅި ހެކިންގެ ހެކިބަހުން މި ދަޢުވާ އަޙްމަދު ރިޔާޟްގެ މައްޗަށް ސާބިތުވާތީ، ވައްކަން ކުރުމުގެ ކުށުން އަޙްމަދު ރިޔާޟް ކުށްވެރި ވެއްޖަކަމަށް ކަނޑައަޅައި، މިއީ މީނާގެ މައްޗަށް ވައްކަންކުރުމުގެ ކުށެއް ސާބިތުވި 6 ވަނަ ފަހަރު ކަމަށްވާތީ، މި ކުށުގެ ޢުޤޫބާތެއްގެ ގޮތުން 6 އަހަރު ދުވަހުގެ މުއްދަތަށް އަޙްމަދު ރިޔާޟް ޖަލަށް ލުމަށް ޙުކުމް ކުރާކަމަށެވެ
މިޚަބަރާއި ގުޅިގެން ބައެއް މީހުން ބުނެފައިވަނީ ދައުލަތުގެ ޚަޒާނާއިން ގިނަ އަދަދެއްގެ ވަގަށް ނަގާފައިވާ މީހުން ތިބެނީ ވީއްލިފައި ކަމަށާއި ވައްކަމުގެ ބޮޑެތި މައްސަލަތަކުގައި ތުހުމަތުކޮށް އޮޑިޓަރ ޖެނެރަލް ރިޕޯޓް ނެރުއްވާފައިވާ އެތައް ބައަކު ސަރުކާރުގެ އިސް މަޤާމުތަކުގައި މިހާރުވެސް އެބަ ތިބި ކަމަށެވެ. އެހެންކަމުން 250 ރުފިޔާގެ އަގުހުރި ރިހާކުރު ފުޅިއަކަށް 2 އަހަރު ދުވަހުގެ ޖަލު ޙުކުމް، 3 ފުޅިއަށް 6 އަހަރުގެ ޖަލު ޙުކުމް އިއްވުމުން ކަންބޮޑުވާ ކަމަށެވެ.