ދިވެހިރާއްޖޭގެ ރައްޔިތުން އިސްލާމް ދީނުން ބޭރުކުރުމަށް އެންމެ ބޮޑަށް މަސައްކަތްކުރެވެމުން އަންނަނީ މިހާރުއެވެ. އަދި އެކަމުގެ ނުރައްކައުތެރިކަން އެންމެ ބޮޑުވެފައިވަނީ ވެސް މިހާރުއެވެ. އެހެނީ ޕޯޗްގީޒުން ރާއްޖެ ހިފައިގެން ތިބި ދުވަސްވަރު އެކަމަށް މަސައްކަތްކުރި ނަމަވެސް ދިވެހިންނަށް އެމީހުން ވަކިކުރަން އެނގުނެވެ. ދިވެހިންނަށް އެމީހުން ވަކިކުރަން އެނގުމާއި އެމީހުން ކުރާ މަސައްކަތް އެނގުމުން އެމީހުން ދައްކާ ވާހަކަ ޤަބޫލުނުކުރަން އެނގުނެވެ. އެމީހުންނާއި ދުރުހެލިވާން އެނގުނެވެ.
ނަމަވެސް މިއަދު ދިވެހިން އިސްލާމް ދީނުން ބޭރުކުރުމުގެ މަސައްކަތް ކުރަމުން ގެންދަނީ ހަމަ ދިވެހިންގެ ބައަކު ބައިވެރިވެ އެކަމުގައި ބައިވެރިވެގެންނެވެ. މުސްލިމުންގެ ނަމުގައި ތިބެގެންނެވެ. ދިވެހިންނަސް ހެޔޮ އެދޭ ދިވެހިން ކަމަށް ހެދިގެން ތިބެގެންނެވެ. ދިވެހިން އިސްލާމް ދީނުން ބޭރުކުރަން ބޭނުންވާ ކާފިރުންގެ އެހީ ލިގިގެން ހިނަގާ އެމްޑީއެން ފަދަ މަދަނީ ޖަމިއްޔާތަކާއި ހިންގާ އެކިއެކި ރެސްޓޯރަންޓްތަކުގައެވެ. ބާއްވާ ބައްދަލުވުންތަކުގައެވެ.
މިހާރު ދައްކަނީ އިސްލާމް ދީން ދޫކުރުމުގެ ވާހަކަތަކެއް ނޫނެވެ. ދައްކަނީ ޙައްޤުތަކުގެ ވާހަކައެވެ. ޑިމޮކްރަސީގެ ވާހަކައެވެ. އެމީހަކު ކުރަން ބޭނުންވާ ކަންކަން ކުރެވެން ޖެހޭނެ ކަމުގެ ވާހަކައެވެ. އެހެންކަމުން ބައަކަށް މިހާރުވެސް ވަނީ އިސްލާމް ދީނުގެ ކަންކަން ވަރަށް ބޮޑަށް އޮޅިފައެވެ. ވާނުވާ ނުއެނގި ތިބެ އިސްލާމް ދީނާއި ދުރުވެވެމުންދާ ބައަކު މިހާރުވެސް އެބަތިއްބެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ދެއްވި ޚިޠާބުގައިވެސް ވަނީ މިކަމަށް ވަރަށް ބޮޑަށް ކަންބޮޑުވުން ފައުޅުކުރައްވައިފައެވެ. އިސްލާމީ ޢަޤީދާ ވަރުގަަދކުރަން އެންމެން ގުޅިގެން މަސައްކަތް ކުރަންޖެހޭކަމަށް ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޙާލަތަށް ބަލައިފިނަމަ ޖުވާ ކުޅޭނެ ތަންތަން އަޅައި ޖުވާ ކުޅެން ހުއްދަނުކޮށްގެން އުޅޭތަން އެބަ ފެނެއެވެ. އަދި ކެނަބިސްގެ ބާވަތްތަކަކީ ޑްރަގް ނޫން ކަމަށް ހަދައި އެފަދަ ތަކެތި ޢާންމުކޮށް ބޭނުން ކުރުން ހުއްދަ ކުރުމުގެ ވާހަކަތައް ދަނީ ދައްކަމުންނެވެ. އެކަންކަން ހުއްދަކުރުމާއި މެދު ދާޚިލީ ވަޒީރާއި ވަނީ މަޖިލީހުގައި ސުވާލުކޮށްފައެވެ.
މިކަމުގެ ބިރުވެރިކަން އެންމެ ބޮޑުވާ ސަބަބަކީ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ ވެރިކަމުގައި އެމަނިކުފާނު ހަމަ މިމޭރުމުން ރާއްޖޭގައި ކަންކަން ކުރުމުގެ ބޭނުންތެރިކަން ބޮޑުކަމުގެ ވާހަކަ ދައްކަވާފައިވުމެވެ. ބާރު ދެރަ މަސްތުވާތަކެތި ބޭނުންކުރަން ފަށަން ޖެހިފައިވާ ކަމަށް ވިދާޅުވެފައިވުމުންނެވެ.
މިއަދުގެ ޚުޠުބާގައި ބުނެފައިވަނީ ރާއްޖެ އިސްލާމް ވީންސުރެ ދިވެހިން އިސްލާމް ދީނުން ބޭރުކުރުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. އަދި އެމަސައްކަތް އެންމެ ބޮޑަށް ކޮށްފައިވަނީ ޕޯޗްގީޒުން ރާއްޖެ ހިފައިގެން ތިބި ދުވަސްވަރުގައި ކަމަށެވެ.
