ސަރުކާރުން އެއްވެސް ފަރާތަކާއިއެކު ހަދާ ކޮންޓްރެކްޓެއް އެއްވެސް ސަބަބެއް މެދުވެރިވެގެން ބާޠިލުކުރިނަމަވެސް އެކަމަކުން އެ ފަރާތަކަށް ލިބޭނެ ފައިދާއަށް ބަދަލު ދިނުމަކީ އެހެން ޤަމުތަކުގައި ކުރާ ކަމެއް ނޫން ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒައިނާ، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވީ ސަރުކާރުން ހަވާލުކުރާ މަޝްރޫޢެއް އެއްބަސްވުމާއިއެއްގޮތަށް ނުހިންގުމުން ނުވަތަ އެހެންވެސް ސަބަބަކާއިހުރެ ބާޠިލުކުރަން ޖެހިއްޖެ ނަމަ ބަދަލުގައި ދެނީ ހަމައެކަނި އެ މަޝްރޫޢަކަށް ހިނގާފައިވާ ޚަރަދުކަމަށާއި ލިބިދާނެކަމަށް އަންދާޒާކުރާ ފައިދާ ހޯދައި ނުދާކަމަށެވެ.
ރޮޒައިނާ ވިދާޅުވީ އެހެންކަމާއިއެކުވެސް ލިބެން އޮތް ފައިދާއަށް ބަލައި ބަދަލުދޭން ރާއްޖޭގެ ކޯޓުތަކުން ޙުކުމް ކުރަމުން ގެންދިއުމަކީ ކަންބޮޑުވާންޖެހޭ ކަމެއް ކަމަށެވެ.
ރޮޒައިނާ މިމޭރުމުން ވިދާޅުވެފައިވާއިރު ކޯޓުތަކުން ކުރާ ޙުކުމުގެ އިތުރުން ދައުލަތުގެ ނިންމުންތަކާއިމެދު ވެސް ރައްޔިތުންގެ ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ. އެގޮތުން ދީބާޖާއަށް ބަދަލުދޭން ދައުލަތުން ނިންމީ އިސްތިޢްނާފްކުރުމެއްވެސް ނެތިއެވެ.ދައުލަތުގެ ބަންޑާރަ ނައިބް ވިދާޅުވީ އިސްތިޢްނާފް ނުކުރެއްވީ ޙުކުމަށް ބަދަލެއް އަތުވެދާނެ ކަމަށް ޤަބޫލުފުޅު ނުކުރެއްވޭތީ ކަމަށެވެ.
ނަމަވެސް ދީބާޖާ ގެ އެއްބަސްވުން ސަރުކާރުން އުވައިލިއިރު ޓްރާންސްޕޯޓް މިނިސްޓަރުކަމުގައި ހުންނެވި އަމީން އިބްރާހީމް ވިދާޅުވީ އެއްބަސްވުން އުވައިލީ އެއްބަސްވުމާއި އެގޮތަށް ދަތުރުފަތުރު ނުކޮށްގެން ދޭން ޖެހޭ އިންޒާރުތައް ދީ ޤާނޫނީ މަރުޙަލާތައް ފުރިހަމަކުރުމަށްފަހުގައި ކަމަށެވެ.