ހަނގުރާމަވެރި ޖަމާއަތަކާ ގުޅިގެން އުޅެނިކޮށް އަނބި މީހާ އާއި 4 ދަރިންނާއިއެކު ހައްޔަރުކޮށް 21 އަހަރުގެ ޖަލުޙުކުމެއް އިއްވި ދިވެއްސަކީ އަލީ ޝަފީއު، (ހ. މޫންލައިޓްވެލީ) ކަމަށް ފުލުހުން ބުނެފިއެވެ.
އޭނާ ހައްޔަރުކޮށްފައިވަނީ އަފްޣާނިސްތާނުގެ އިރުމަތީ ނަންގަރްހާރު ޕްރޮވިންސްގައި އައިއެސްގެ ޖުމްލަ 241 މެމްބަރަކާއި އެ ޖަމާއަތަށް ވާގިއެދޭ ބައަކު އަފްޣާނިސްތާނުގެ ސަރުކާރުގެ ބާރުގެ ދަށަށް ގެންދިއުމުގެ ތެރޭގައެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ އަފްޣާނިސްތާނުން ހައްޔަރުކޮށްފައިވާ ޢަލީ ޝަފީއު އޭނާގެ އަނބި ދަރިން ގޮވައިގެން އަފްޣާނިސްތާނަށް ގޮސްފައިވަނީ މިދިއަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ސްރީލަންކާއަށް ބޭސްފަރުވާއަކަށް ދިޔުމަށްފަހު ކަމަށެވެ. އަދި އޮކްޓޯބަރު މަހު، ޕާކިސްތާނު މަގުން އެ އާއިލާ އަފްގާނިސްތާނަށް އެތެރެވެފައިވާކަމުގެ މައުލޫމާތު އިންޓަޕޯލް މެދުވެރިކޮށް ލިބިފައިވާކަމަށެވެ.
ފުލުހުން ހާމަކުރި ގޮތުގައި، ދީނީ ހަރުކަށި ފިކުރަށް ތާއީދުކުރާ ޢަލީ ޝަފީއު އަކީ އޭނާގެ ކުރީގެ އަނބިމީހާއާއި ދަރިފުޅު ގޮވައިގެން 2015 ވަނަ އަހަރު ސީރިއާއަށް ދާން އުޅެނިކޮށް އެއާޕޯޓުން ހިފަހައްޓާފައިވާ މީހެކެވެ. އަދި ހަމަ އެ އަހަރު ބ. ހިބަޅިދޫގެ ފަޅު ތެރެއިން ފެނުނު ހަތިޔާރާ ގުޅުން ހުރި ތަކެތި ފެނިގެން، ޝަފީއު ހައްޔަރުކުރެވުނެވެ. ނަމަވެސް، ހެކި ނެތުމުގެ ސަބަބުން 2016 ވަނަ އަހަރުގެ ޖެނުއަރީ މަހު ވަނީ ދޫކޮށްލެވިފައެވެ.
އެންސީޓީސީގެ ތަފާސް ހިސާބުތައް ދައްކާގޮތުން ބޭރުގެ ހަނގުރާމަތަކަށް 61 ދިވެހި ފިރިހެނުން ވަނީ ގޮސްފައެވެ. މީގެ ތެރެއިން ބައެއް މީހުން ގޮސްފައިވަނީ އަނބިދަރިންވެސް ގޮވައިގެންނެވެ. އަދި މީގެ ތެރެއިން ބައެއް މީހުން މިހާރުވަނީ ހަނގުރާމަތަކުގައި މަރުވެފައެވެ.
އިސްލާމިކް މިނިސްޓްރީން ބުނަމުން ގެންދަނީ ބޭރު ޤައުމުތަކުގައި ކުރާ ދާޚިލީ ހަނގުރާމަތަކުގައި ބައިވެރިވުމަކީ ޖިހާދުކުރުން ނޫން ކަމަށާއި އެފަދަ ކަންކަމުގައި ބައިވެރި ނުވުމަށް އިލްތިމާސްކުރާ ކަމަށެވެ.
Press Statement: PMC/2019/21
— Maldives Police (@PoliceMv) December 3, 2019
H.Moonlight Valley Ali Shafiu eynaage anhenunnaai dharinnaai eku Afghanistanugai hayyarukohfaiva massala aai gulheygothun fuluhun nerey noos bayaan#FuluhungeNoosBayaan#MPSNoosBayaan pic.twitter.com/xcnmDT6yOw