އިންޑިޔާ އާއި ރާއްޖެއިން 4 އެއްބަސްވުމެއް ބަދަލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
އިންޑިޔާ އާއި ރާއްޖެއިން 4 އެއްބަސްވުމެއް ބަދަލުކޮށްފި

އިންޑިޔާ އާއި ދިވެހި ރާއްޖެއިން 4 އެއްބަސްވުމެއް މިއަދު ބަދަލުކޮށްފިއެވެ.

ވީޑިއޯ ކޮންސްރެންސް މެދުވެރިކޮށް ބޭއްވި މިރަސްމިއްޔާތުގައި ރައީސް އިބްރާހީމް މުޙައްމަދު ސާލިޙާއި އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީ ވަނީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

ދެ ގައުމުގެ ދެމެދު މިއަދު ބަދަލުކުރި އެއްބަސްވުންތަކުގެ ތެރޭގައި އައްޑޫ ސިޓީގެ ތިން ސަރަހައްދެއްގައި "ގޭދޮށު މަސް ޕްލާންޓް" ގާއިމުކުރުމުގެ އެއްބަސްވުމަކާއި ރުޕޭކާޑު ރާއްޖޭގައި ތައާރަފުކުރުމާ ބެހޭ އެއްބަސްވުމާއި، މާލޭގެ މަގުބައްތިތައް ލެޑް ބައްތިއަށް ބަދަލުކުރުމުގެ މަޝްރޫއު އިފްތިތާހުކުރުމުގެ އެއްބަސްވުމާއި، އިންޑިޔާއިން ރާއްޖޭގެ ކޯސްޓްގާޑަށް ހަދިޔާކުރާ ކަނޑު އުޅަނދު ރާއްޖެއާ ރަސްމީގޮތުން ހަވާލުކުރުމުގެ އެއްބަސްވުން ހިމެނެއެވެ.

މިއަދު ތައާރަފް ކުރި ރުޕޭ ކާޑް ރާއްޖެ އާއި އިންޑިއާގައި ވެސް ބޭނުން ކުރެވެ އެވެ. އެ ކާޑަކީ އިންޑިއާގެ ޕޭމަންޓްސް ކޯޕަރޭޝަނުން 2012 ވަނަ އަހަރު ތައާރަފް ކޮށްފައިވާ ޑެބިޓް ކާޑެކެވެ. މިއަދު ވެވުނު އެއްބަސްވުމާ އެކު ރާއްޖެ އާއި އިންޑިއާގެ ހުރިހާ އޭޓީއެމްއެއްގައި އެ ކާޑް ބޭނުން ކުރެވޭނެ އެވެ.

އިންޑިއާ އިން މިއަދު ދީފައިވާ ކޯސްޓްގާޑަކީ ކާމިޔާބުގެ ނަމުގައި އަލަށް ބަނދެފައިވާ އުޅަނދެކެވެ. އެ އުޅަނދު ރާއްޖެއަށް ދިނުމަށް ހަމަޖެހުނީ މިއަހަރު ތެރޭގައި ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް އިންޑިއާ އަށް ކުރެއްވި ރަސްމީ ދަތުރުފުޅެއްގައެވެ.

ވީޑިޔޯ ކޮންފަރެންސްކޮށް މިއަދު މި ބޭއްވި ރަސްމިއްޔާތަކީ ދިވެހި ސަރުކާރާ ދޭދޭ ޤައުމެއްގެ ސަރުކާރަކާއެކު މިގޮތަށް ބޭއްވުނު ފުރަތަމަ ރަސްމިއްޔާތެވެ. ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާއެކު އޮތް ގުޅުން ވަނީ އިތުރަށް ބަދަހިވެގެން ގޮސްފަ އެވެ.

މިއަދު އޮންލައިން