ރޭ ހުޅުމާލޭ ގައި ތޫނު އެއްޗަކުން ޙަމަލާދީ މަރައިލި ޑްރައިވަރު، ޤާސިމް ޙަސަން ގެ ޖަނާޒާ މިއަދުގެ މެންދުރު ނަމާދަށްފަހު މާފަންނު އާ ސަހަރާ މިސްކިތުގައިބާއްވައިފިއެވެ.
ޤާސިމް އަކީ އެހައި ގިނަ ބައަކާއި މާ ގާތް ގުޅުން ބާއްވާ މީހެއް ނޫނެވެ. ނަމަވެސް ޤާސިމް ރުޅި އެއްވެސް މީހަކު ނުހުންނާނެއެވެ. އެހެންކަމުން ޖަނާޒާގައި އެތައް ސަތޭކަ ބައަކު ވަނީ ބައިވެރިވެފައެވެ.

ޖަނަވާރުތައް ކަތިލައި އެއްލައިލާ އުޞޫލުން އަނިޔާތަކާއި ޒަޚަމްތަކާއިއެކު ރޭ އެއްލާލާފައި އޮތް ޤާސިމްގެ ހަށިގަނޑު މިހާރު އެވަނީ ވަޅުލެވިފައެވެ. އޭނާގެ ފުރާނަ އެވަނީ މާތް ﷲ ގެ ތަނަވަސްކަމުން ފުރިގެންވާ ނިޢުމަތްތަކަށް ދަތުރުކޮށްފައެވެ.

މިހާރު އެންމެންވެސް ބޭނުންވަނީ ޤާސިމްގެ ޤާތިލުން ހޯދުމެވެ. ޤާސިމް ފަދަ އަޚްލާޤް ރަނގަޅު، ވައްކަން ނުކޮށް އަމިއްލަ މަސައްކަތުން ދިރިއުޅޭ، ޒަމާނީ ވިޔަފާރިތަކުން ފައިދާ ނުހޯދާ މީހަކަށް ކުއްލިއަކަށް ޙަމަލާދީ މަރައިލަން ޖެހުނީ ކީއްވެގެންކަން އޮޅުންފިލުވުމަށެވެ.