މަސްވެރިންގެ ދުވަހާ ގުޅިގެން މާދަމާ ފިޝަރީޒު އެކްސްޕޯއެއް ބޭއްވުމަށް ފިޝަރީޒް މިނިސްޓްރީ އިން ނިންމައިފިއެވެ.
މިކަމާގުޅިގެން ފިޝަރީޒު މިނިސްޓްރީ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ހުޅުމާލޭ ހުރަވީ ސްކޫލް ހޯލްގައި މާދަމާ ފިޝަރީޒް އެކްސްޕޯއެއް ފެށުމަށް ނިންމާފައިވާ ކަމަށެވެ. މިއެކްސްޕޯ އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށް ވެސް އެ މިނިސްޓްރީ އިން ބުންޏެވެ.
މިއެކްސްޕޯގައި މަސްވެރިކަމާ ގުޅުން ހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުސޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުސަތު ލިބި މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކަށް އެ ފަރާތްތަކުގެ އުފެއްދުން މާކެޓްކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުންޏެވެ.
މަސްވެރިންގެ ދުވަހާ ގުޅިގެން އަންނަ ހޯމަ ދުވަހު ދެ ޖިންސަށް ހުޅުވާލައިގެން މަސް ކެނޑުމުގެ މުބާރަތެއް ބޭއްވުމަށް ވަނީ ނިންމައިފައެވެ.
ރާއްޖޭގައި މަސްވެރިންގެ ދުވަހުގެ ގޮތުގައި ކޮންމެ އަހަރަކު ވެސް ފާހަގަކުރަނީ ޑިސެމްބަރު މަހުގެ 10 ވަނަ ދުވަހެވެ.