މަސްވެރިންގެ ދުވަހުގެ ޙަރަކާތްތައް މާދަމާ ހުޅުމާލޭގަ ފަށަނީ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 4މ 41ސ
މަސްވެރިންގެ ދުވަހުގެ ޙަރަކާތްތައް މާދަމާ ހުޅުމާލޭގަ ފަށަނީ

މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގކުރުމުގެ އިޙްތިފާލުތައް މާދަމާ އިން ފެށިގެން މިމަހުގެ  10 ވަނަ ދުވަހަށް ހުޅުމާލޭގައި ކުރިއަސް ގެންދަން ނިންމައިފިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅުތަކުން މަސްވެރިންނާއި މަސްވެރިކަމުގެ ސިނާޢަތުގެ ގިނަ ޢަދަދެއްގެ ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުން ޙިއްސާކުރާގޮތަށް ބާއްވާ މިއިޙްތިފާލުތަކުގެ ތެރޭގައި ގިނަ ކަންތައްތަކެއް ކުރިއަށް ގެންދާނެއެވެ.  

 

1. ޒުވާނުންނަށް އަމާޒުކޮށްގެން ބާއްވާ ދޮށީގެ މަސްވެރިކަމުގެ މަސް ދަތުރު (6 - 7 ޑިސެމްބަރ 2019)

މިއީ މަސްވެރިކަމުގައި، ޚާއްސަކޮށް ދޮށީގެ މަސްވެރިކަމުގައި ޒުވާނުންގެ ބައިވެރިވުން އިތުރުކުރުމަށާއި ދޮށީގެ މަސްވެރިކަމަށް ޒުވާނުން އަހުލުވެރިކޮށް ޒުވާން މަސްވެރިންތަކެއް އުފެއްދުމުގެ ބޭނުމުގައި ބޭންކް އޮފް މޯލްޑިވްސްއާއި ގުޅިގެން ބާއްވާ ދޮށީގެ މަސްވެރިކަމުގެ މަސް ދަތުރެކެވެ. މިދަތުރުގައި 2 ދޯންޏަކަށް ބަހާލެވިގެން ޖުމްލަ 30 ޒުވާނުން މަހަށް ފުރުމަށްވަނީ ހަމަޖެހިފައެވެ. މިމަސްދަތުރުގައި އެންވެރިކަންކުރާ ގޮތާއި މާކަނޑުގައި ދޮށީގެ މަސްވެރިކަން ކުރާނެ ގޮތް އަމަލީ ގޮތުން ތަޖުރިބާކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

 

2. ފިޝަރީޒް އެކްސްޕޯ (6 - 8 ޑިސެމްބަރ 2019)

މިއީ މަސްވެރިކަމުގެ ދާއިރާގެ އެކިއެކި ވަޞީލަތްތަކާއި މަސްވެރިކަމުގައި ބޭނުންކުރާ އާލާތްތައް އަދި އެޞިނާޢަތްތަކުގެ އުފެއްދުންތަކާއި އެޞިނާޢަތްތަކާއިބެހޭ މަޢުލޫމާތުތައް ފުޅާ ދާއިރާއެއްގައި އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމުގެ މަޤްޞަދުގައި ބާއްވާ އެކްސްޕޯއެކެވެ. މިއެކްސްޕޯގައި މަސްވެރިކަމާއި ގުޅުންހުރި ތަކެތި އިޝްތިހާރުކުރުމާއި ވިޔަފާރި އުޞޫލުން ވިއްކުމަށް ބައިވެރިންނަށް ފުރުޞަތު ލިބިގެންދާނެއެވެ. އަދި މަހުގެ އުފެއްދުން އުފައްދާ ފަރާތްތަކަށް އެފަރާތްތަކުގެ އުފެއްދުން މާކެޓްކުރުމުގެ ފުރުޞަތު ލިބިގެންދާނެއެވެ.

މިއެކްސްޕޯ އޮންނާނީ 6 ، 7 އަދި 8 ޑިސެމްބަރގައި ހުޅުމާލޭ ހުރަވީ ސްކޫލް ހޯލުގައެވެ. މިއެކްސްޕޯ ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ 6 ޑިސެމްބަރ ވަނަ ދުވަހު ހަވީރު 16:15 ގައެވެ.

މިއެކްސްޕޯގައި މަސްވެރިކަމުގެ ސިނާޢަތުގައި އެކިގޮތްގޮތުން ހަރަކާތްތެރިވާ ޖުމްލަ 14 ފަރާތަކުން ބައިވެރިވެއެވެ.

 

3. މަސްވެރިންގެ ފޯރަމް (8 - 9 ޑިސެމްބަރ 2019)

މަސްވެރިންގެ ފޯރަމަކީ މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިސިނާޢަތާއި ގުޅުންހުރި އެކިއެކި މަޢުލޫމާތު ފޯރުކޮށްދީ، މަސްވެރިކަމާއި ގުޅުންހުރި ސިޔާސަތުތައް ބައްޓަންކުރާނެ ގޮތާއިބެހޭ ގޮތުން މަޢުލޫމާތު ބަދަލުކުރުމާއި، މިސިނާޢަތު ތަރައްޤީކޮށް ކުރިއެރުވުމާއި ގުޅޭ ގޮތުން މަޝްވަރާކުރުމުގެ މަޤްޞަދުގައި ބާއްބާ ފޯރަމެކެވެ. މިފޯރަމުގައި މަސްވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތަކުގެ އިތުރުން، ރާއްޖޭގެ ހުރިހާ އަތޮޅަކުން މަސްވެރިންނާއި، ކެޔޮޅުން އަދި އޮޑިވެރިން ހިމެނޭ ގޮތަށް ޖުމްލަ 50 ފަރާތެއް ބައިވެރިވާނެއެވެ.

މިފޯރަމް އޮންނާނީ 8 އަދި 9 ޑިސެމްބަރގައި ހުޅުމާލޭ ބްރައިޓްވޭ އިންޓަރނޭޝަނަލް ސްކޫލް ހޯލުގައެވެ. މިފޯރަމް ހުޅުވުމުގެ ރަސްމިއްޔާތު އޮންނާނީ 8 ޑިސެމްބަރ ވަނަ ދުވަހު ހެނދުނު 9:00 ގައެވެ. 

 

4. މަސް ކެނޑުމުގެ މުބާރާތް އަދި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ޤާއިމް ކޮށްފައިވާ ދަޅުމަސް ބަނދުކުރާ ފެކްޓްރީ އާއި ފިޝަރީޒް ހާރބާރގައި އަލަށް ޤާޢިމް ކޮށްފައިވާ 95 ޓަނުގެ އައިސް ޕްލާންޓު ހުޅުވުން (9 ޑިސެމްބަރ 2019)

ދެޖިންސަށް ހުޅުވާލައިގެން ބާއްވާ މިމިމުބާރާތް އޮންނާނީ 9 ޑިސެމްބަރ ވަނަ ދުވަހު ހަވީރު 17:00 ގައި ހުޅުމާލޭގައި އެންސިސްއިން ޤާއިމުކޮށްފައިވާ ދަޅުމަސް ބަންދުކުރާ ފެކްޓްރީގައެވެ. މިމުބާރާތުގެ އަންހެން އަދި ފިރިހެން ބައިންވެސް 1 ވަނަ، 2 ވަނަ، އަދި 3 ވަނަ ހޮވޭނެއެވެ.

އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑުން ހުޅުމާލޭގައި ޤާއިމް ކޮށްފައިވާ ދަޅުމަސް ބަނދުކުރާ ފެކްޓްރީ ހުޅުވުމަށް ހަމަޖެހިފައިވަނީ 9 ޑިސެމްބަރ ވަނަ ދުވަހު ހަވީރު 16:15 ގައެވެ. ހުޅުމާލޭގައި އެންސިސްއިން ޤާއިމުކޮށްފައިވާ  މިފެކްޓްރީ ހުޅުވުމުން 400 ވަޒީފާ އިތުރުވެގެން ދާނެކަމަށް އެންސިސްއިން މަޢުލޫމާތު ދެއެވެ. އަދި އެންސިސްއިން އަލަށް ޤާޢިމް ކޮށްފައިވާ 95 ޓަނުގެ އައިސް ޕްލާންޓުވެސް ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މިއައިސްޕްލާންޓް ޤާއިމްކުރުމުން މާލޭ ސަރަހައްދުން މަސްވެރިންނަށް ބޭނުންވާ އައިސް ހޯދުމުގައި ގިނަ ފަސޭހަތަކެއް ވެގެންދާނެއެވެ. 

 

5. މަސްވެރިންގެ ދުވަހު ފަތިސް ނަމާދަށްފަހު ކުރާ ޚާއްސަ ދުޢާ (10 ޑިސެމްބަރ 2019) 

މިޚާއްސަ ދުޢާ ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކުރާގޮތަށް ވަނީ ހަމަޖެހިފައެވެ. މާލޭގައި މިދުޢާ ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒު އަދި ހުޅުމާލޭ މަސްޖިދް ޙަމަދު ބިން ޚަލީފާ އައްޘާނީގައެވެ.

 

6. މަސްވެރިންގެ ދުވަހުގެ މުނާޞަބަތުގައި ބާއްވާ ޚާއްޞަ ޙަފްލާ (10 ޑިސެމްބަރ 2019)

މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފާހަގަކުރާ ރަސްމީ ހަފްލާ ބޭއްވުމަށް ހަމަޖެހިފައިވަނީ ހުޅުމާލޭގެ ސެންޓްރަލް ފާކް ސަރަޙައްދުގައި 10 ޑިސެމްބަރު 2019 ވަނަ ދުވަހުގެރޭ 20:10 ގައެވެ.

މިޙަފްލާގައި މަސްވެރިކަމުގެ ސިނާޢަތަށް ކޮށްދެއްވާފައިވާ ޚިދުމަތްތަކުގެ އަގުވަޒަންކޮށް ޝަރަފްވެރި އިނާމުތަކެއް ދިނުމަށްވަނީ ހަމަޖެހިފައެވެ. އަދި މީގެ އިތުރުން، 2018 ވަނަ އަހަރުގެ މަސްވެރިކަމުގައި ޙަރަކާތްތެރިވި ކުންފުނިތަކުގެ އަދި ދޯނިފަހަރުގެ ތެރެއިން އެންމެ ރަނގަޅަށް މަސައްކަތްކޮށްފައިވާ ފަރާތްތަކުގެ އަގުވަޒަންކުރެވޭނެއެވެ.

މިއަހަރުގެ މަސްވެރިންގެ ދުވަހުގެ ޕްލެޓިނަމް ސްޕޮންސަރުންނަކީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަދި އެންސިސް ފިޝަރީޒް ޕްރައިވެޓް ލިމިޓެޑެވެ. ގޯލްޑް ސްޕޮންސަރުންނަކީ އުރީދޫ މޯލްޑިވެސް، ބޭންކް އޮފް މޯލްޑިވްސް އަދި ހޮރައިޒަން ފިޝަރީޒް ޕްރައިވެޓް ލިމިޓެޑެވެ. ސިލްވަރ ސްޕޮންސަރަކަށް ހަމަޖެހިފައިވަނީ ސީގަލް ގްރޫޕް ޕްރައިވެޓް ލިމިޓެޑެވެ.

 މިއަހަރުގެ ޝިޢާރަކީ " ކަނޑުވެށީގެ ސާފުތާހިރުކަން- ދެމެހެއްޓެނިވި މަސްވެރިކަން" އެވެ.

 

މިއަދު އޮންލައިން