ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށާ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ތުރުކީން އެހީވަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 36ސ
ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމަށާ ޖަލުތަކުގެ ހާލަތު ރަނގަޅު ކުރަން ތުރުކީން އެހީވަނީ!

ހޯމް މިނިސްޓަރު ޝައިޚް ޢިމްރާން ޢަބްދުﷲ ތުރުކީގެ މިނިސްޓަރ އޮފް އިންޓީރިއާ ސުލޭމާން ޞޮއިލޫއާ ބައްދަލުކުރައްވައިފިއެވެ.

ރާއްޖޭގެ ހޯމް މިނިސްޓަރަކު ތުރުކީގެ ދާޚިލީ ވަޒީރަކާ ބައްދަލުކުރެއްވި މި ތާރީޚީ ފުރަތަމަ ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ކުރެއްވވެވި މަޝްވަރާތަކުގެ ތެރޭގައި ދިވެހި ފުލުހުންގެ ޚިދުމަތް ތަރައްޤީކުރުމާއި، ޖަލުތަކުގެ ހާލަތު ރަނގަޅު ކުރުމުގައި އެހީތެރިކަން ދެއްވާނެކަމަށް ތުރުކީ ހޯމް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ޚިދުމަތް ފުޅާކޮށް ތަރައްޤީކުރުމާއެކު އިތުބާރު ހޯދާ ދެމެހެއްޓުމަކީ ސަރުކާރުން އެންމެ އިސްކަންދެއްވާ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެކެވެ. ޚާއްޞަކޮށް ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ބޮޑު އިސްކަމެއް އަންނަނީ ދެއްވަމުންނެވެ. އެގޮތުން ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމާއި، އިންސާނީ ކަރާމާތް ނުގެއްލޭފަދަ ގޮތަކަށް ޖަލުތަކުގެ ހާލަތު ބައްޓަންކޮށް، ޖަލަކީ އަދަބުދޭ ތަނެއްގެ ބަދަލުގައި އިޞްލާހުކޮށް އަނބުރާ މުޖުތަމައުއަށް ނެރޭ ތަނަކަށް ހެދުމަކީ ސަރުކާރުގެ މުޙިއްމު ސިޔާސަތެކެވެ. އެމަސައްކަތުގެ ދަށުން ބޭރުގެ ޤައުމުތަކާއި، ޖަމްއިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ހޯދަން މިނިސްޓަރ އިމްރާން ޢަބްދުﷲ ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން މާލެ ޖަލުގެ އެނެކްސް އެކެއް ވަނީ އަލުން މަރާމާތުކޮށް، ރަނގަޅު ފެންވަރަކަށް ގެނެސްފައެވެ. އަދި ދޫނިދޫ ޖަލުގެ ބައެއްވެސް އަލުން ހެދުމަށް މިހާރު ވަނީ ތަޅާލާފައެވެ. މީގެ އިތުރުން ޖަލު އޮފިސަރުން ތަމްރީނުކުރުމަށްވެސް ގިނަ ޕްރޮގްރާމްތަކެއް މިދައުރުގެ މިހައިތަނަށްވެސް ވަނީ ކުރިއަށް ގެންދަވާފައެވެ. 

ދެބޭފުޅުންގެ ބައްދަލުކުރެއްވުން އޮތީ ޝައިޚް ޢިމްރާން ޢަބްދުﷲ މިހާރު ތުރުކީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގައި ތުރުކީގެ ދާޚިލީ ވުޒާރާގައެވެ. މިބައްދަލުކުރެއްވުމުގައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމްއެފެއާޒް އަލީ ނަޛީރުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

 

 

މިއަދު އޮންލައިން