ޖުމްހޫރީ ޕާޓީގެ "ރަތްފިޔަ" އިފްތިތާޙްކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ޖުމްހޫރީ ޕާޓީގެ "ރަތްފިޔަ" އިފްތިތާޙްކޮށްފި

ޖުމްހޫރީ ޕާޓީން އަންހެނުންގެ ޙަރަކާތްތަކަށް ޚާއްޞަކޮށްގެން "ރަތްފިޔަ" އިފްތިތާޙްކޮށްފިއެވެ. ޕާޓީގެ މައި މަރުކަޒު މ. ކުނޫޒުގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި އަންހެނުންގެ މި ޙަރަކާތް އިފްތިތާހްކޮށްދެއްވެވީ ޕާޓީގެ ޤައުމީ މަޖިލީހުގެ މެންބަރު، ޓްރާންސްޕޯޓް މިނިސްޓަރ ޢައިޝަތު ނަހުލާއެވެ.

ނަހުލާ ވިދާޅުވީ ރާއްޖޭގެ އަންހެނުންނަކީ މިހާރުވެސް ވަރަށް ގިނަ ޙައްޤުތައް ލިބިފައިވާ ބައެއް ކަމަށާއި އެހެންކަމާއިއެކުވެސް އަންހެނުން ކުރިއަރުވައި ބާރުވެރިކުރުވަން އަދިވެސް އިތުރަށް ވަރަށް ގިނަ މަސައްކަތްތައް ކުރަން ޖެހިފައިވާ ކަމަށެވެ. ރާއްޖޭގައި ފާސްކުރި ފުރަތަމަ ޤާނޫނު އަސާސީ 1932 ވަނަ އަހަރު ފާސްކުރުމާއިއެކު ވޯޓުލުމުގެ ބާރު ވެސް އަންހެނުންނަށް ލިބިފައިވާ ކަމަށާއި ރާއްޖެއަކީ އަންހެނުންނަށް ވޯޓުލުމުގެ ބާރު އެންމެ ކުރީކޮޅުގައި ލިބުނު ޤައުމުތަކުގެ ތެރޭގައި ހިމެނޭ ޤައުމެއް ކަމަށެވެ.

މި ޙަރަކާތަކީ ސިޔާސީ ޙަރަކާތްތަކުގެ އިތުރުން ތަފާތު ދާއިރާތަކުން އަންހެނުން ކުރިއެރުވުމުގެ މަސައްކަތްވެސް ކުރަން އިފްތިތާޙް ކުރި ހަރަކާތެވެ. މިޙަރަކާތް ކުރިއަށް ގެންދިއުމަށްޓަކައި ތަޖުރިބާކާރު ގިނަ އަދަދެއްގެ އަންހެން ބޭފުޅުން ހިމެނިވަޑައިގަންނަވާ ގޮތަށް އެޑްވައިޒަރީ ކޮމިޓީއެއްވެސް އެކުލަވާލައިފައެވެ. އެޑްވައިޒަރީ ކޮމިޓީގައި ޑރ. އާމާލް ޢަލީ، އިރުތިޝާމް އާދަމް ފަދަ ބޭފުޅުން ހިމެނިވަޑައިގަންނަވައެވެ.

މިޙަރަކާތުގެ ގޮފިތައް ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ކުރިއަށް ގެންދަން ވަނީ ހަމަޖެހިފައެވެ.

މިއަދު އޮންލައިން