ރާއްޖޭގެ ކަނޑުގެ ސަރަޙައްދުން މިއަހަރުގެ އޮކްޓޯބަރ މަހު އަތުލައިގެން އީރާންގެ ބޯޓުން 70 ކިލޯގެ މަސްތުވާތަކެތި ފެނުނު މައްސަލައިގަ ހައްޔަރު ކުރި ދިވެހިންގެ ތެރެއިން އަލީ އަންވަރު ފިޔަވާ އެހެން އެންމެން ދޫކޮށްލައިފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު މިއަދު ވިދާޅުވީ އީރާނުގެ ބޯޓުން މަސްތުވާތަކެތި ފެނުނު މައްސަލައިގަ ތުހުމަތު ކުރެވޭ މައިގަނޑު މީހާ ފިޔަވާ އެހެން ދިވެހިން ދޫކޮށްލާފައިވާ ކަމަށާއި އެމައްސަލައިގައި ތުހުމަތު ކޮށްފައިވާ މައިގަނޑު މީހާއަކީ އަލީ އަންވަރު ކަމަށެވެ.
އަންވަރު ފިޔަވާ ދެންތިބި ދިވެހިން ދޫކޮށްލާފައިވަނީ މިމަހުގެ 7 ވަނަ ދުވަހު ކަމުގައިވެސް އޮފިޝަލު ވިދާޅުވެފައިވެއެވެ.
ޑްރަގް ބޯޓުގެ މައްސަލައިގައި ފަސް ދިވެއްސަކާއި އީރާންގެ ހަ މީހަކާއި ބަންގްލަދޭޝްގެ ދެ މީހުން ހައްޔަރު ކުރި އެވެ. މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވީ އޭގެތެރެއިން ތިން މީހެކެވެ.
މި މައްސަލައިގައި ހައްޔަރު ކުރީ ސ. ހިތަދޫ ކޯޒީ ކޯނާ އަލީ އަންވަރު މުހައްމަދު، 35، އާއި ކ. ދިއްފުށި މާތިލަ އަހްމަދު ޝަކީބް، 42، އަދި ލ. ގަން ތުނޑި މިލާނޯ މުހައްމަދު ރިޝްފާން، 23، އެވެ. މީގެ ތެރެއިން ކުށުގެ ރެކޯޑު އޮތީ އަންވަރުގެ އެކަންޏެވެ. އެއީ ވައްކަން ކުރުމުގެ ކުށުގެ ރެކޯޑެވެ.