ކްރޮސް ރޯޑްސްގައި ކައުންސިލަރުންނަށް މައުލޫމާތު ދިނުމަށް އިއްޔެ ބޭއްވި ބައްދަލުވުމުގައި އިސްލާމް ދީނަށް ރާއްޖޭގައި ކުރިމަތިވަމުން އަންނަ ބޮޑެތި ގޮންޖެހުނަތްކުގެ ވާހަކަ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ނުދެއްކެވުމުން ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ
ޚާއްޞަކޮށް ހަރުކަށިފިކުރާއި އިސްލާމް ދީނާއި ގުޅުވަން ރައީސް ނަޝީދު މަސައްކަތް ކުރައްވައި ސުވާލުތައް ކުރިމަތި ކުރެވެވުމުގެ އިތުރުން ބަނގުރާބޯ މީހުން ހިފައި ހައްޔަރުކުރަން ފުލުހުން މަސައްކަތްކުރާތީ އެކަމާއި ދެކޮޅަށް ރައީސް ނަޝީދު ކުރެއްވެވި ސުވާލަށް ސީޕީ ހަމީދުވެސް ހޯމް މިނިސްޓަރުވެސް ޖަވާބު ނުދެއްވެވިކަން ގިނަ ބައަކު ފާހަގަކުރެއެވެ.
އިއްޔެއަކީ މީޑިއާގެ ކުރިމަތީގައި ރައީސް ނަޝީދު މިމޭރުމުން ކަންބޮޑުވުން ފައުޅުކުރެއްވެވި 2 ވަނަ ދުވަސްކަން ފާހަގަކޮށް ގިނަ ބައަކު ބުނަނީ ޤާނޫނު އަސާސީގައި ޖިނާޢީ ކުށެއް ކަމަށް ކަނޑައަލާފައިވާ ކުށެއް، އަދި އިސްލާމް ދީނުގައި ޙައްދު ކަނޑައެޅިފައިވާ ކުށެއް ކުރާ މީހުން ހައްޔަރުކުރުމަކީ ފުލުހުންގެ ވާޖިބެއް ކަމަށާއި އެކަމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ކިތަންމެ ވަރަކަށް ކަންބޮޑުވި ނަމަވެސް އެފަދަ ކުށްކުރާ މީހުން ހައްޔަރުކޮށް ޤާނޫނުގައި އޮންނަ ގޮތުގެ މަތިން އަދަބުދޭން ޖެހޭނެ ކަމަށެވެ.
އިސްލާމިކް މިނިސްޓްރީއަށް އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވުމުގެ ފުރުޞަތުވެސް ދީފައި ނުވުމުން އެކަމާއިމެދުވެސް ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ. އަދި ރައީސް ނަޝީދު އިއްޔެ ދެކޮޅުވެރިކަން ފައުޅު ކުރެއްވި ކަންކަމަކީ ދީނީ ކަންކަމުގެ އިތުރުން އިޖުތިމާޢީ އަދި ޤައުމުގެ އެއްބައިވަންތަކަމަށް ގޮންޖެހުންތައް ހުރި މައްސަލަތަކެއް ކަމަށްވެސް ގިނަ ބައަކު ދަނީ ފާހަގަކުރަމުންނެވެ.