އިސްލާމް ދީނާއި ދެކޮޅަށް ކުރެވެމުންދާ މަސައްކަތްތަކާއި އިސްލާމް ދީނުގެ ނަމުގައި ހަރުކަށި ފިކުރު އިސްކުރުމުގެ މައްސަލައަކީ ރާއްޖޭގައި މިހާރު އޮތް އެންމެ ބޮޑު ދެ މައްސަލަ ކަމަށާއި މި ދެ މައްސަލަ ހައްލުކުރުމަށް ކަމާއި ގުޅުން ހުރި ހުރިހާ ފަރާތްތަކަކީވެސް މައްސަލަތައް ޙައްލުކުރަން ޢަމަލުން އެހީތެރިވެދޭ ބައަކަށް ވުމަށް ހޯމް މިނިސްޓަރ ޝައިޚް އިމްރާން ޢަބްދުﷲ އެދިވަޑައިގެންފިއެވެ.
ޝައިޚް އިމްރާން ވިދާޅުވީ ރާއްޖޭގައި ހަރުކަށި ފިކުރުގެ މައްސަލަތައް މިހައި ނުރައްކާވެފައިވާއިރު 2 މައްސަލައިގެ ވާހަކަ ވެސް ދައްކަވައި ދެއްވައި ރައްޔިތުން ހޭލުންތެރިކުރުވަން ކުރައްވާ މަސައްކަތް އިތުރުކޮށްދެއްވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑުމެންގެ ދީނީ ޢިލްމުވެރިންނަށް ކެރިވަޑައިގަންނަވާނެ 2 މައްސަލައިގެ ވާހަކަވެސް ދައްކަވަން. ޙައްޤަކީ އެއީ. ޙައްޤަށް ވާހަކަ ދައްކަވަން ކެރިވަޑައިގަންނަވާނެ އެބޭފުޅުންނަށް."
ޝައިޚް އިމްރާން ވިދާޅުވީ ކޮންމެ ސަބަބުތަކެއް މެދުވެރިވެގެން ނަމަވެސް ނުރައްކާވާ ހިސާބަށް ހަރުކަށި ފިކުރު އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ހުރިހާ ރައްޔިތުންވެސް މިކަމަށް ސަމާލުކަންދީ މައްސަލަ ހައްލުކުރަން އެހީތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
ޝައިޚް އިމްރާން ވިދާޅުވީ ބައަކު ނުވަތަ މީހަކު ރުހުނު ނަމަވެސް އަދި ނުރުހުނު ނަމަވެސް މި 2 މައްސަލަ ވެސް ޙައްލުކުރަން ފުލުހުން މަސައްކަތް ކުރާނެ ކަމަށެވެ. އަދި ޤާނޫނު އަސާސީން ފުލުހުންނާއި މަތިކޮށްފައިވާ އެއްވެސް މަސްއޫލިއްޔަތެއް އަދާކުރަން ފުލުހުން ފަސްނުޖެހޭނެ ކަމަށާއި ފުލުހުން ގެންދާނީ ފުލުހުންގެ ވާޖިބު އަދާކުރަމުން ކަމަށެވެ. "އަޅުގަނޑުމެން މިގެންދަނީ ކަމާއި ގުޅުންހުރި މުއައްސަސާތަކާއި އަދި ބޭފުޅުންނާއިވެސް މަޝްވަރާ ކުރަމުން."
"ފުލުހުން، ފުލުހުންގެ ވާޖިބު އަދާކުރީމާ ރުޅި އަންނަ ބައަކު އަބަދުވެސް ތިބޭނެ. ފާޑުވެސް ކިޔާނެ. އެގޮތުން ދައްކާހާ ވާހަކައަކަށް ޖަވާބު ދިނުމަށްވުރެ ފުލުހުންނަށް މުހިންމީ ފުލުހުންގެ ވާޖިބު އަދާކޮށް ރައްޔިތުންނަށް ޚިދުމަތް ކުރުން. ޕޮލިސް ކޮމިޝަނަރ ގެންދަވަނީ ވަރަށް ބޮޑަށް ސަމާލުކަން ދެއްވައިގެން އެކަންކަން ކުރައްވަމުން" ކަމަށްވެސް ޝައިޚް އިމްރާން ވިދާޅުވިއެވެ.
ޝައިޚް އިމްރާން މިމޭރުމުން ވިދާޅުވީ ރައްޔިތުންގެ ގިނަ ބައަކު ކަންބޮޑުވުން ފައުޅުކުރަމުން ގެންދާ ބައެއް މައްސަލަތައް ފާހަގަކޮށް މިއަދުނޫހުން ދެންނެވި ސުވާލުތަކެއްގެ ޖަވާބުގައެވެ.