ހަރުކަށި ފިކުރު ފަތުރައި ވަކި ޖަމާޢަތް ހަދައިގެން އުޅޭ މީހުން ހޯދައި ދެނެގަތުމަށް ސަލާމަތީ ބާރުތަކުން ރ. މަޑުއްވަރީގައި ހިނަގަމުންދާ އޮޕަރޭޝަނުގައި 30 އަހަރުގެ ދިވެހި ފިރިހެނަކު ހައްޔަރުކޮށްފިއެވެ.
ރ.މަޑުއްވަރީގައި ސަލާމަތީ ބާރުތަކާއި ދައުލަތުގެ ކަމާ ބެހޭ އެހެން އިދާރާތަކުގެ ބައިވެރިވުމާއެކު ޚާއްސަ އޮޕަރޭޝަނެއް ފަށާފައިވަނީ ރާއްޖޭގެ ބައެއްފަރާތްތަކުން ރާއްޖޭގައި ހެދިފައިވާ ޤާނޫނާއި ޤަވާޢިދުތަކާއި ޚިލާފަށް، ހަރުކަށި ފިކުރުތަކާއި އެއްގޮތަށް ތަބާވެ ޖަމާއަތުން ވަކިވެ ކުޑަކުދިންނާއި އަންހެނުންނަށް ލިބިދޭ އަސާސީ ހައްޤުތަކާއި ރައްކާތެރިކަމުން މަޙްރޫމްކުރަމުންދާތީ އެކަމާ ދެކޮޅަށެވެ. މި އޮޕަރޭޝަނުގައި ޓެރަރިޒަމާއި ހައްދުފަހަނައަޅައި ދިއުމުގެ ޢަމަލުތަކަށް މީހުން އަހުލުވެރިކޮށް، ޓެރަރިސްޓް ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރުމަށް ހިންގާ މަސައްކަތްތައް ހުއްޓުވުމަށްވެސް ހަމަޖެހިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
ފުލުހުން ވިދާޅުވީ ރ. މަޑުއްވަރީގައި ހަރުކަށި ފިކުރު ފަތުރައި ދައުލަތުގެ އާންމު ނިޒާމާއި އިދާރީ އިންތިޒާމްތަކުން ބޭރުން ވަކި ޖަމާއަތް ހަދައިގެން އުޅޭ ބަޔަކުއުޅޭކަމަށާ، އެމީހުން އަންހެނުންނާއި ކުޑަކުދިންނަށް ލިބިދީފައިވާ ހައްޤުތަކުން މަޙްރޫމްކޮށް އެ ފަރާތްތަކުގެ ނާޖާއިޒް ފައިދާ ނަގަމުންދާކަމަށެވެ.