ގަދަ ވިއްސާރައިގެ ސަބަބުން އައި ކޮޅިގަނޑެއްގައި ޅ. ނައިފަރު ކައުންސިލް އިދާރާގެ ފުރާޅުން ބޮޑު ބައެއް އެއްލާލައިފިއެވެ.

ނައިފަރު ކައުންސިލް އިދާރާގެ ނައިބު ރައީސް މުޙައްމަދު ޝާހިދު މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވާ ލިޔުއްވި އެފްބީ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ ރޭ މެންދަމު 2:00 ކަންހާއިރު އައި ގަދަކޮޅިގަނޑެއްގައި ކައުންސިލް އިދާރާގެ ފުރާޅުން ބޮޑު ބައެއް އެއްލާލާ، ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.

"ފުރާޅުގެ ބޮޑުބައެއް އެއްލާލާ ބޯކޮށް ވާރޭވެހުމުގެ ސަބަބުން، ކައުންސިލް އިދާރާގެ ލިޔެކިޔުންތަކާއި ކޮމްޕިއުޓަރ ފަދަ އިލެކްޓްރޯނިކްސް ސާމާނަށްވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފަ، މިހާދިސާގެ ސަބަބުން މުޅި އޮފީސް ހުއްޓުމަކަށް އައިސްފައިވާއިރު އޮފީހުގެ ސާމާނުތައް އެހެންތާކަށް ބަދަލު ކުރުމުގެ މަސައްކަތް އޮފީހުގެ ސްޓާފުންނާއި ނައިފަރުގައި ހަރަކާތްތެރިވާ ފުލުހުން އަދި ރައްޔިތުން ގުޅިގެންވަނީ ކުރިއަށް ގެންގޮސްފަ" ޝާހިދު ވިދާޅުވެފައިވެއެވެ.

ކައުންސިލްގެ ނައިބު ރައީސް އިތުރަށް ވިދާޅުވީ، މިކާރިސާގެ ސަބަބުން އާއްމުރައްޔިތުންނަށް ދިމާވާނެ ދަތިތަކަށް އަވަސް ހައްލެއް ގެނައުމުގެ މަސައްކަތް ލަސްތަކެއްނުވެ ކުރަމުންގެންދާނެ ކަމުގެ ޔަގީންކަންވެސް އަރުވާ ކަމަށެވެ.