ފުލުހުން މިއަދު ހާމަކުރި މައުލޫމާތުން އެނގިގެން ދިއައީ ޑްރައިވަރު ޤާސިމް ޙަސަން މަރާލަން މަގުފަހިކުރީ ރާއްޖޭގައި އަމަލުކުރާ މަސްތުވާތަކެތީގެ ޤާނޫނުކަމެވެ. އޭނާއަކީވެސް އެ ޤާނޫނުގެ ސަބަބުން މަސްތުވާތަކެތި ބޭނުންކުރުމުން ކުށްވެރިއަކަށް ނުވެ ބަލިމީހަކަށްވެ ފަރުވާ ލިބެން ޖެހި ފަރުވާ ނުލިބި ހުރި މީހަކަށްވާތީއެވެ. އެ ޙާލަތުގައި 1000 ވަރަކަށް މީހުންގެ ތެރޭގައި ހިމެނޭ މީހަކަށްވާތީއެވެ.
މި ޤާނޫނުގެދަށުން ވީއްލިފައި ތިބި "ބަލި" މީހުން އެގެންދަނީ ބޮޑެތި ކުށްތައް ކުރަމުންނެވެ. ވައްކަން ކުރަމުންނެވެ. ފޭރެމުންނެވެ. މީހުން މަރަމުންނެވެ. ހަށިވިއްކަމުންނެވެ. ޤާސިމް ޙަސަންގެ ޤާތިލުވެސް ތަޙްޤީޤުގައި ބުނެފައިވަނީ އޭނާ ވައްކަންކޮށް ފޭރި ހަދަމުން ގެންދަނީ އޭނާގެ ޒުރޫރީ ބޭނުންތައް ފުއްދުމަށް ކަމަށެވެ. "ބެންޑްވުމުން" ސަލާމަތްވުމަށް ކަމަށެވެ.
މުޖުތަމައުގެ އަމާންކަމާއި ސަލާމަތްކަމުގެ ވާހަކަ ދައްކާ ޕޯޑިއަމްތަކުގައި މި 1000 މީހުންގެ ވާހަކަ ދެކެވޭ އަޑު އިވެނީ ވަރަށް މަދުންނެވެ. ނަތީޖާއަކަށް ވެގެން މިދިއައީ އެމީހުންގެ ބަލިކަން ފިލުވައި ގަދަވާން މީހުން މަރަން ފެށުމެވެ.
ރާއްޖޭގައި ރިހިބިލިޓޭޝަން ފަރުވާ ދެވެން ހުރި ފެސިލިޓީތަކަށް ބަލައިފި ނަމަ މިއީ ފަރުވާދީ ނިމެން އޮތް ކަމެއް ނޫނެވެ. ފަރުވާ ލިބިގަތުމަށްފަހު އަލުން މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ އަދަދު އިތުރުވަމުން އަންނާތީއެވެ.
އިސްލާމް ދީނާއި ދެކޮޅަށް މަސައްކަތްކުރާ ޖަމާޢަތްތަކާއި އެފަދަ މީހުންނާއި އދ ބޭނުންވާ ގޮތަށް ޤާނޫނު ފާސްކޮށް އެ އެންމެންގެ ރުހުން ލިބިގަނެގެން ތިބެ ތިއަ ގެންދެވެނީ މުޅި ޤައުމު ފަނާކުރަމުންނެވެ. މަސްތުވާ ތަކެތި ބޭނުންކުރާ މީހުންގެ އަދަދު މިހާރު އަރާފައިވަނީ ކިތައް ހާހަށްކަން އެނގޭނެ އެއްވެސް ދިރާސާއެއް ކުރެވިފައިވީކަން އެނގޭނެ އެއްވެސް ގޮތެއް އަދިއެއް ނެތެވެ.
މިއެންމެން ހައްޔަރުކޮށްގެން ބަލަހައްޓާނެ ގޮތެއް ނެތެވެ. ޖަލުތައް މިހާރުވެސް ވަނީ ފުރިފައެވެ. ނަމަވެސް އެއެންމެންވެސް މޮނިޓަރކޮށް ބެލެހެއްޓިދާނެއެވެ. އެމީހުން ލައްވައި ކޮމިޔުނިޓީ މަސައްކަތް ކުރުވިދާނެއެވެ. ރާއްޖެއަކީ ޑްރަގް އުފައްދާ ޤައުމެއް ނޫނެވެ. އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭން ފަށައިފިނަމަ ލިބުން ދަތިވާނެއެވެ.
ޑްރަގް އެތެރެކުރުމުން މަރުގެ އަދަބު ދެނީ ހަމައެކަނި މުސްލިމް ޤައުމުތަކުގައެއް ނޫނެވެ. ވީމާ މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށްޓަކައި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ނުދޭންވީ ކީއްވެގެން ހެއްޔެވެ؟
މި މައްސަލަތައް މިހައި ހިސާބަށް ބޮޑުވެ މީހުން މަރާ ހިސާބަށް ދިއައިރުވެސް މި ފަނާކުރަނިވި ޤާނޫނު ހަދައި އިސްލާމް ދީނަށް ގޮންޖަހައިގެން ތިބި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މިއިން މައްސަލައެއް މަޖިލީހަށް ވައްދައި މައްސަލައަށް ޙައްލު ހޯދަން މަސައްކަތްކުރާ ތަނެއް ނުފެނެއެވެ. މަޖިލީހުގެ ރައީސްވެސް ކަންބޮޑުވުން ފައުޅުކުރައްވަމުން ގެންދަވަނީ މަސްތުވާތަކެއްޗާއި ބަނގުރާ ބޭނުންކުރާ މީހުން ފުލުހުން ހައްޔަރުކުރާތީއެވެ. އެކަމަށް ދައުލަތުގެ ފައިސާ ޚަރަދުކުރާތީއެވެ!