ގާސިމަށް ހަމަލާ ދިން ގޮތުގެ ތަފްސީލު ހާމަކޮށްފި!

ކިޔުމަށް ހޭދަވާނީ 8މ 22ސ
ގާސިމަށް ހަމަލާ ދިން ގޮތުގެ ތަފްސީލު ހާމަކޮށްފި!

ރަހުމް ކުޑަ ގޮތަކަށް ތޫނު އެއްޗަކުން ހަމަލާދީ މަަރާލި ގާސިމް ޙަސަން މަރާލީ، އޭނާ އަތުން ފައިސާ ފޭރެން އުޅުމުގެ ތެރޭގައި ކަމަށް އިއުތިރާފުވި އޭނާގެ ގާތިލު އަދުހަމް މުޙައްމަދު ވަނީ، އެހަމަލާގެ ކުރިން ވެސް އެކި މީހުންނަށް ބިރުދައްކާ ފޭރެން މަސައްކަތް ކޮށްފައި ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ގާސިމްގެ މަރުގެ ތަހުގީގާއި ބެހޭގޮތުން މައުލޫމާތު ދެއްވުމަށް މިއަދު މެންދުރު އިސްކަންދަރުކޮށީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަބް އިންސްޕެކްޓާރ އޮފް ޕޮލިސް މުޙައްމަދު ސާމިޙް ވިދާޅުވީ މިމައްސަލައިގަ ހައްޔަރު ކުރެވުނު އަދުހަމް މުޙައްމަދު އަކީ ކުރިންވެސް ތަފާތު އެކިއެކި ކުށުގެ މާހައުލުގައި އުޅެފައިވާ ފަރާތެއް ކަމަށާއި އެގޮތުން ވައްކަމާއި ފޭރުމާއި މިނޫންވެސް މިޒާތުގެ އެކިއެކި ކުށްތަކަށް އަރައިގެން ގޮސްފައިވާ ފަރާތެއްކަން ފާހަގަ ކުރެވޭ ކަމަށެވެ. އަދި މީގެތެރެއިން ގިނަ ކުށްތަކެއް ތަހުގީގު ކުރެވި މިވަގުތު ޕީޖީ އޮފީހަށް ހުށަހެޅިފައިވާނެ ކަމަށް ވެސް އެސްއައިޕީ ސާމިޙް ވިދާޅުވިއެވެ.

"އަދުހަމް މާލެ ތެރޭގައި މިވަގުތު އެޅުމުން އެދަނީ 2019 އޮކްޓޯބަރ 22 ވަނަ ދުވަހު ޑްރަގް ކޯޓުން އޭނާގެ މައްޗަށް ރިހެބިލިޓޭޝަނަށް ފަރުވާއަށް ދިޔުމަށް ކޮށްފައިވާ ހުކުމަކާއި ގުޅިގެން ފަރުވާއަށް ދިޔުމަށް މަރުޙަލާގަ ހުރި މީހެއްގެ ގޮތުގައި. މިހާދިސާ ހިނގި ދުވަހަށް ބަލާއިރު، މިހާދިސާ ހިނގި ދުވަހުގެ މެންދުރެއްހާއިރު މާލޭގަ އޭނާއާއި އިތުރު ފަރާތަކާ މަސްތުވުމަށް މަސްތުވާތަކެތި ބޭނުން ކުރުމަށް ހުޅުމާލެއަށް ގޮސްފައިވާކަން ތަހުގީގަށް ހާމަވެފައިވޭ. އެގޮތުން މެންދުރެއްހާއިރު ހުޅުމާލެއަށް ގޮސް އެއަށްފަހު ހުޅުމާލޭގައި ވެސް އިތުރު ފަރާތަކާއެކު މަސްތުވާތަކެތި ބޭނުންކޮށްފައިވާކަން ހާމަވެފައިވޭ" އެސްއައިޕީ ސާމިޙް ވިދާލުވިއެވެ.

މީގެއިތުރުން ސާމިޙް ވިދާޅުވިގޮގައި، ހުޅުމާލެއަށް ދިޔުމުގެ އެންމެ ބޮޑު މަގްސަދަކަށް ވެފައިވަނީ ފޭރުން ކަމަށް އަދުހަމްގެ ފަރާތުން ހޯދިފައިވެއެވެ.

"މިގޮތުން އަދުހަމް މުހައްމަދު ފޭރެމުން ދަނީ އޭނާގެ ޒަރޫރަތްތައް ފުއްދުމަށްޓަކައި ފައިސާ ހޯދުމަށްކަން ވެސް ފާހަގަ ކޮށްލަން. އެގޮތުން މަސްތުވާތަކެއްޗާއި އޭނާގެ ދިރިއުޅުމުގެ އެކިއެކި ޒަރޫރަތްތައް ފުއްދުމަށް ފައިސާ ހޯދުމަށްކަން ވެސް އެނގިފައިވޭ. މިދެންނެވި ގޮތަށް އެއްދުވަހު މެންދުރެއްހާއިރު އަދުހަމް މުހައްމަދު ހުޅުމާލެއަށް ގޮސް މަސްތުވާތަކެތި ހޯދައިގެން މަސްތުވެގެން ފޭރުމަށްތަކައި އޭނާ ހުޅުމާލެގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވެފައިވޭ. ހުޅުމާލޭގަ އޭނައަށް އެމީހެއްގެ އަތުން ފައިސާ ފޭރިގަންނަން ފަސޭހަ ވާނެހެން ހީވާފަދަ މީހަކަށްވިއްޔާ އޭނާ ދިޔައީ ފާރަލަމުން. އެހެންނަމަވެސް އެއީ ދުވާލު ގަޑި ކަމަށްވެފައި ހުޅުމާލޭގަ ފުލުހުންގެ ހަރަކާތްތައް ވެސް އޭޭނަ ބުނާގޮތުގައި އެވަގުތު ތަންކޮޅެއް ގިނައިން ހިނގަމުން ދާތީ އެވަގުތު އެކަން ކުރުމަށް އޭނާއަށް މަގުފަހިނުވި ކަމަށް ވެސް ވަނީ ބުނެފަ. ނަމަވެސް އެދުވަހުގެ މެންދުރުފަހަށް އެޅީމަ ދެން އިތުރު ގޮތެއް ނެތިގެން އޭނާ މަސައްކަތް ކުރީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން ބިރުދައްކައިގެން ފޭރުމަށް. ކުރިން މަސައްކަތް ކުރީ ކޮންމެވެސް މީހެއް އަތުން އެއްޗެއް ޖަހައިގަނެގެން ނުވަތަ އޮޅުވާލައިގެން ކޮންމެވެސް ތަނަކަށް ގެންގޮސްގެން ފޭރުމަށް. އެފުރުސަތު ނުލިބުން ދެން އޭނަ ގަސްތުކުރީ ތޫނު ހަތިޔާރު ބޭނުން ކޮށްގެން ބިރު ދައްކައިގެން ފޭރެން. އެގޮތުން ހުޅުމާލެގެ ކެފޭއަކުން ވަޅި ހޯދައިގެން، ޖިންސުގެ ތެރެއަށް ވަޅިލައިގެން ފޮރުވައިގެން ހުރެ ފޭރުމަށްޓަކައި އޭނާ ދިޔައީ ފުރުސަތު ހޯދަން މަސައްކަތް ކުރަމުން. މިދެންނެވި ގޮތަށް ވެސް އޭނާއަށް ފުރުސަތު ނުލިބުމުން ދެން އޭނަ މަސައްކަތް ކުރީ ހުޅުމާލެއިން ޓެކްސީއެއްގަ އެއާޕޯޓަށް ދިޔުމަށް. އެއާޕޯޓަށް ދާން އެރި ޓެކްސީއެއްގެ ޑްރައިވަރެއް ޝިކާރައެއްގެ ގޮތުގައި އޭނާ ކަނޑައެޅި. އެހެން ނަމަވެސް އެޓެކްސީ ޑްރައިވަރުގެ ވާހަކަ ދެއްކުންތަކުންނާއި އެނޫން ގޮތްގޮތުން އޭނައަށް ލިބުނު މައުލޫމާތުގަ އެއީ އެންމެ އެކަށީގެންވާ މީހާ ނޫން ކަަމަށް އޭނައަށް ޤަބޫލު ކުރެވި އެމީހާއަށް ހަމަލާދޭން ނޫނީ ބިރުދައްކަން މަސައްކަތް ކޮށްފައި ނުވާކަންވެސް ފާހަގަ ވެފައިވޭ" އެސްއައިޕީ ސާމިޙް ވިދާޅުވިއެވެ.

މިހާދިސާ ހިނގާފައިވަނީ މިދިޔަ ނޮވެމްބަރ މަހުގެ 24 ވަނަ ދުވަހު ކަމަށާއި ފުލުހުންނަށް މިހާދިސާ ރިޕޯޓު ކުރެވިފައިވާއިރު އެމައްސަލައިގެ ތަހުގީގަށް ވެސް ކުރިއެރުމެއް ލިބުނީ ގާސިމްގެ މަރުގެ ހާދިސާގެ ތަހުގީގުންކަން ފުލުހުން ވަނީ މިއަދު ފާހަގަ ކޮށްފައެވެ. 

ގާސިމް ހަސަން އަށް ހަމަލާދިން ގޮތް: 

މިމަހުގެ 4 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ ޒަހަމް ކޮށްލި ގާސިމް ހަސަން އަށް ހަމަލާދިން ގޮތް، އޭނާގެ ގާތިލު އަދުހަމް މުޙައްމަދު ފުލުހުންނަށް ކިޔައިދެމުން ބުނީ، އެއާޕޯޓުގަ ހުރި ފިހާރައަކުން ވެސް ފޭރުމަށް އަދުމަހް މަސައްކަތް ކުރި ކަމަށެވެ. ނަމަވެސް އެކަންވެސް ނުވުމުން ޓެކްސީ ކިޔުއިން އޭނާ ބޭނުންވާ ޒާތުގެ މީހެއްގާތަށް ގޮސް ފޭރެން މަސައްކަތް ކުރިކަމަށެވެ.

"އެގޮތުން ފޭރުމަށް އޭނާ ޓާގެޓު ކޮށްފައިވަނީ އުމުރުން ދޮށީ މީހުންނަށްކަން ވެސް ފާހަގަކޮށްލަން. އެގޮތުން ދެތިން މީހަކަށް އޭނަ އެޕްރޯޗްކޮށް، އެންމެ ފަހު ޓާގެޓެއްގޮތުގަ ވެފައިމިވަނީ ގާސިމް ހަސަން. އެންމެ އެދެވޭ މީހާކަމަށް ޤަބޫލު ކުރެވި ގާސިމް ހަސަންގެ ޓެކްސީއަށް އޭނާ ވަނީ އެއާޕޯޓުން އަރާފަ. އެއީ އެރޭގެ ގާތްގަނޑަކަށް 20:30 އެހާކަންހާއިރު. އެހިސާބުން އަދުމަހް ގަސްދުކޮށްފައިވަނީ ގާސިމް ހަސަނަށް ބިރު ދެއްކުމަށްޓަކައި މަގުފަހި ކުރުމަށްޓަކައި އަނެއްކާވެސް އިތުރު މަންޒިލަކަށް ގާސިމް ހަސަން ގެންދެވޭތޯ. އެގޮތަށް ގަސްދުކޮށް ގާސިމް ހަސަން ގާތު ހާފްވޭ ހައުސް އަށް ގެންގޮސް ދިނުމަށް އޭނާ އެދިފައިވޭ. ހާފްވޭ ހައުސް ހުންނަ ސަަރަހައްދަކީ އެކަށީގެންވާ އަލިކަމެއް އެސަރަހައްދުގައި ނެތް، އަނދިރި، މީހުން ނޫޅޭ، ތަންކޮޅެއް ހަމަހިމޭންކޮށް އޮންނަ ސަރަޙައްދެއް. ހާފްވޭ ހައުސް އަށް އަޅަން އޮންނަ މަގަށް ދިޔުމަށްފަހުގައި އެހިސާބުން ފޭރުމަށްޓަކައި ގަސްދުކުރި، ނަމަވެސް އެފުރުސަތު އޭނައަށް ނުލިބުނީ އެވަގުތު އެމަގުން ދަތުރު ކުރަމުންދިޔަ މީހުންނާއި، އެތަނުގައި މަޑުކޮށްގެން ތިބި މީހުންގެ ހަރަކާތްތައް ހުރި ގޮތުން. އެހިސާބުން އޭނަ ގާސިމްއަށް އޮޅުވާލުމަށްޓަކައި ހާފެވޭ ހައުސް އަށް އެންޓްެރެންސް ވުމަށްޓަކައި އޭނަގެ އަތުގައި ކާޑެއް އޮންނަ ކަމާއި އެކާޑު އެވަގުތު އޭނަގެ އަތުގައި ނެތުމުން އެކާޑު ހޯދަން އަނެއްކާވެސް އިތުރު މަންޒިލަކަށް ދާން ޖެހޭ ކަމަށް ބުނި. އެގޮތަށް ބުނެ އޮޅުވާލައިގެން އޭނަ އަނެއްކާވެސް ހުޅުމާލޭގެ އެކި ސަރަޙައްދުތަކުގައި ޓެކްސީގަ ދަތުރުކޮށްފައިވާކަން އަޅުގަނޑުމެންގެ ސީސީޓީވީ ފުޓޭޖްތަކުން ވެސް ސާބިތުކުރެވިފައިވޭ. އެގޮތަށް ހުޅުމާލޭގެ ބޮޑުބައެއްގަ އޭނަ ދުއްވާފައި، އަނެއްކާވެސް ދެވަނަ ފަހަރަށް ރީތިގަސް މަގަށް އެޓެކްސީގަ އޭނަ އައިސްފައިވޭ. އެގޮތުން ފުރަތަމަ ވަދެފައިވަނީ އެރޭ 20:39 ހާއިރު، ދެވަނަ ބުރަކަށް އައިސްފައިވަނީ 20:56 ގައި. އެއަށްފަހު ހާފްވޭ ހައުސް އިންނަ ސަރަޙައްދަކީ އެކަންތައްގަނޑު ހިންގަން އެންމެ އެކަށީގެންވާ ސަރަޙައްދުކަން އޭނައަށް ޤަބޫލު ކުރެވުމުން، އޭނަ މަސައްކަތް ކުރީ އޭނަ އަތުގަ އޮތް ވަޅިން ގާސިމް ހަސަން އަށް ބިރުދައްކައިގެން ފޭރުމަށް. އޭނަގެ ތަހުގީގުގަ މިހާތަނަކަށް އަދުހަމް ބުނެފައެއް ނެތް އެއްވެސް ހާލެއްގައި އޭނަ ހަމަލާދޭން ގަސްދުކޮށްފައި އޮތް ކަަމަކަށް. އެހެންނަމަވެސް ވަޅިން ބިރުދައްކައިގެން ފޭރުމަށްޓަކައި އޭނަ ނިންމާފައިވިކަމަށް ބުނޭ. އަދި ފޭރުމަށްޓަކައި ކާރުގެ ޑްރައ3ިވަރު ސީޓުގެ ފަހަތުސީޓުގައި އިނދެފަ، ކުއްލި ގޮތަކަށް ގޯޅި އަޅަން ދިމާކުރި ވަގުތުގަ، އޭނަގެ އަތުގަ އޮތް ވަޅި ކަނާތުން ނެގުމަށްފަހު، އޭނަގެ ވާތުން ގާސިމް ހަސަންގެ ކަރާއި އެއްކޮށް ޓެކްސީ ޑްރައިވަރު އިންނަ ސީޓުގެ ބޮލާއިވީ ދިމާލާ އެއްކޮށް ވަރަށް ބާރަށް ހިފެހެއްޓުމަށްފަހު ފޭރުމަށް އޭނާ މަސައްކަތްކުރި. އެގޮތުން ވަޅި ކުރިމައްޗަށް ކަނާތްފަރާތުން ކުރިމައްޗަށް ގެންގޮސް ވަޅި ދެއްކުމަށްފަހުގައި ފޭރެން މަސައްކަތް ކޮށްފައިވާކަމަށް ބުނި. އެހެންނަމަވެސް ފޭރުމަށްތަކައި އޭނައަށް ފުރުސަތެއް ނުލިބިވާކަން ވެސް ފާހަގަ ކުރެވޭ. ސަބަބަކީ ގާސިމް ހަސަން ވެސް އެވަގުތު އޭނަ ގައިގާ އޮޅުލައިގަތުމާއި، ގާސިމް ހަސަންގެ ސަލާމަތަށް ގާސިމް ހަސަން ދިޔައީ ވަރަށް ބާރަށް ހަޅޭލަވަމުން. އެއަޑު ހުއްޓުވުމަށްޓަކައި އަދުމަހް ތަކުރާރުކޮށް މަސައްކަތް ކުރުމުން އެކަން ނުވުމުން ދެން މަސައްކަތް ކުރީ ވަޅި އޭނަގެ ކަރުގަ ޖައްސައިގެން ބިރު ދައްކައިގެން އެއަޑު ހުއްޓުވުމަށް. އެކަންވެސް ކުރެވޭ ގޮތް ނުވުމުން އެވަގުތު ވަޅިން ގާސިމް ހަސަންގެ ކަރަށް އެއްފަހަރު ހަމަލާދީފައިވާކަން ފާހަގަ ކުރެވޭ. ގާސިމް ހަސަން އަށް ލިބިފައިވާ އަނިޔާތަކުން ވެސް އަޅުގަނޑުމެންނަށް ފާހަގަ ކުރެވިގެންދޭ އެއީ އެއްމެ ހަމަލާއެއްކަން. ނަމަވެސް ގާސިމް ހަސަން އަށް ބިރުދެއްކި ވަގުތުގައި އެހަމަލާއިން ސަލާމަތް ވުމަށްތަކައި ގާސިމް ހަސަން ވަޅީގެ ތިލައިގަ ހިފެހެއްޓިކަން ފާހަގަ ކުރެވިފައިވޭ. އެއިރުގައި ވަޅި ދަމައިގަތުމުގެ ސަބަބުން ގާސިމް ހަސަންގެ ދެ އަތްތިލަ ފުދޭވަރަކަށް ބޮޑަށް ޒަޚަމްވެފައިވާކަން ވެސް ތަހުގީގަށް ހާމަވެފައިވޭ. ހަމަލާއަށްފަހުގައި އަދުހަމް ފިލުމަށްޓަކައި ކާރުން ނިކުމެގެން ގޮސް ހާފްވޭ ސަރަހައްދުގެ ހުސް ބިން ސަރަަޙައްދަކަށް ގޮސް، އޭނަ ލައިގެން ހުރި އަންނައުނު ވަކި ތަނެއްގައި ފޮރުވާފަ، އަންނައުނުގެ ތެރޭގަ ގަމީސް ފޮރުވުމަށް ފަހުގައި ހުޅުމާލޭގައި ހުރި އޭނާގެ ރަށްޓެއްސެއް އަތުން ގަމީހެއް ހޯދައިގެން އޭނާ ފިލައިގެން ދިޔައީ މާލެއަށް" އެސްއައިޕީ ސާމިޙް ވިދާޅުވެފައިވެއެވެ.

މިހަމަލާ ދިނުމުގައި އަދުހަމް ނޫން އިތުރު އެއްވެސް ފަރާތެއްގެ އެހީތެރިކަމެއް ނުވަތަ ބައިވެރިވުމެއް ނުވާ ކަމަށް ވެސް މިއަދުގެ ބައްދަލުވުމުގައި ފުލުހުން ބުނެފައިވެއެވެ. ނަމަވެސް އަދިވެސް މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ފޭރުމުގެ ނިޔަތުގައި މިހަމާދިން ނަމަވެސް، މިހާދިސާއަށްފަހު އަދުހަމް ގާސިމްގެ އަތުން ނުވަތަ ކާރުން ވެސް އެއްވެސް އެއްޗެއް ފޭރިފައިނުވާ ކަމަށާއި އެއީ ހިނގައިދިޔަ ކަންތައްގަނޑުގެ ސަަބަބުން ކަމަށް ބެލެވޭކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ހުޅުމާލޭ ހޮސްޕިޓަލަށް ގާސިމްގެ ހަށިގަނޑު ގެންދެވުނުއިރުވެސް ވިންދު ނެތްކަމަށް ފުލުހުން މައުލޫމާތު ދެއްވާފައިވެއެވެ.

ފޭރުމަށްޓަކައި އަދުމަހް ހުޅުމާލޭގެ ކެފޭއަކުން ވަޅިއެއް ހޯދީ، މަސްކަނޑަން ކަމަށް ބުނެ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ތަހުގީގު އަދިވެސް ދަނީ ކުރިއަށް. ގާސިމް އަށް ހަމަލާ ދިނުމަށް ފަހުގައި ފުރަތަމަ ކާރުން ފައިބާފައިވަނީ ހަމަލާ ދިން ފަރާތް. ހަމަ އެއާއި ދާދި އެއް ހިނދުކޮޅެއްގައި ގާސިމް ވެސް ކާރުން ފައިބައިގެން ވަކި ހިސާބަކަށް ސަލާމަަތައް އެދި ދުވެފައިވާކަން ވެސް އަޅުގަނޑުމެންނަށް ތަހުގީގުން އެނގިފައިވޭ. ތަހުގީގު އަދިވެސް ކުރިއަށްދާތީ، މިހިނދު ހާމަ ކުރެވެން ހުރީ މިމިންޒަރަށް ކަމަށް ދަންނަވަން" ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސަމީހު ވިދާޅުވިއެވެ.

މިއަދު އޮންލައިން