ދެހާސް ވިހިވަނަ އަހަރު ނިމިގެންދާއިރު ނޭކުރެންދޫގައި އިތުރު ޖަލެއް އަޅައި ޖަލުގެ ޖާގައިގެ ދަތިކަމަށް އެކަށީގެންވާ ބޮޑު ހައްލެއް ހޯދައިދެއްވާނެކަމަށް މިނިސްޓަރ އޮފް ހޯމްއެފެއާޒް ޢިމްރާން ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޕެރޯލް އޮފިސަރުންނަށް ލިޔުން ހަވާލުކުރުމަށް މިއަދު ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މާތް ﷲ އިރާދަކުރެއްވިއްޔާ ޖާގައިގެ ދަތިކަމަށް އަވަސް އެކަށީގެންވާ ބޮޑު ހައްލެއް ހޯދައިދޭނެކަމަށެވެ. މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ބެލުމުގެ ދަށަށް ގެންދަންޖެހޭ ބަޔަކު މޯލްޑިވްސް ޕޮލިސް ސަރވިސްގެ ބެލުމުގެ ދަށުގައި ތިބިތިބުމަށް އިޝާރާތްކުރައްވާ މިނިސްޓަރ ވިދާޅުވީ އެއީ އަޅުގަނޑުމެން ބޭނުންވާގޮތެއްނޫންކަމަށެވެ.
މިނިސްޓަރ ވިދާޅުވީ އެކަން އެހެން ދިމާވަނީ މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގައި އެކަށީގެންވާ ޖާގަ ނެތުމުންކަމަށާއި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސަސްގެ ދަށުގައި ޤައިދީން ބަންދުކޮށްގެން ގެންގުޅޭނެ ޖާގައިގެ ގޮތުގައި ހުރީ 1300 އެއްހާ ޖާގަ ކަމަށެވެ. ނަމަވެސް މިވަގުތުވެސް ޖަލުތަކުގައި ދެހާހެއްހާ މީހުން ބަންދުކޮށްފައި އެބަތިބިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިއީ ހައްލެއް ހޯދަން ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އަދިި އިރާދަކުރެއްވިއްޔާ އަވަސް ހައްލެއް ހޯދާނެ ކަމެއްކަމަށެވެ.
މިއަހަރަށް ބަލައިފިކަމަށްވާނަމަ ވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ޖަލުގެ ޖާގައިގެ ދަތިކަން ފިލުވުމަށް ކުރެވިފައިނުވާވަރުގެ ގިނަ މަސައްކަތް މިއަހަރު އެކަނި ކުރެވިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިއަހަރުގެ މިހާތަނަށް ވަނީ ކުރިން ބޭނުން ނުކުރެވޭ ހާލަތުގައި ހުރި 180 މީހުންގެ ޖާގަ ޖަލުތަކުގައި ބޭނުންކުރެވޭ ރަނގަޅު ހާލަތަކަށް ގެނެސްފައެވެ. އަދި ބިދޭސީންނަށް ޚާއްޞަ 60 މީހުންގެ ޖާގައިގެ ތަނެއް މުޅިން އަލަށް ހުޅުމާލޭގައި ހަދާފައެވެ.
"ކުރިއަށްއޮތް އަހަރަށް އަޅުގަނޑުމެން ޕްލޭންކޮށްފައިވާ މަސައްކަތް އިރާދަކުރެއްވިޔާ ނިމިގެންދާއިރު ޖަލުތަކަށް ވަރަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ. މިއަންނަ އަހަރު އިރާދަކުރެއްވިޔާ ނޭކުރެންދޫގައި ޖަލެއް އެޅުމުގެ މަސައްކަތް ފެށިގެންދާއިރު ރާއްޖޭގެ މުޅި ޖަލުތަކުގެ ނިޒާމަށް ބޮޑު ބަދަލެއް ގެނެވިގެންދާނެ. " މިނިސްޓަރ ވިދާޅުވިއެވެ.