ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައި މާޅޮހުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި!

ކިޔުމަށް ހޭދަވާނީ 1މ 3ސ
ހަރުކަށި ފިކުރު ފަތުރާކަމުގެ ތުހުމަތުގައި މާޅޮހުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި!

ހަރުކަށި ފިކުރަށް ތާއީދުކޮށް، އެފިކުރު ފެތުރުމުގެ ތުހުމަތުގައި އއ. މާޅޮހުން މީހަކު ހައްޔަރު ކޮށްފިއެވެ.

މިކަމާއި ގުޅޭގޮތުން މައުލޫމާތު ދެއްވަމުން ފުލުހުންގެ ތަރުޖަމާނު އަދި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިޒްމިއާ ޒާހިރު ވިދާޅުވީ ހަރުކަށި ފިކުރަށް ތާއީދުކޮށް އެފިކުރު ފެތުރުމާއި، ދަރިން ބެލުމުގައި އިހުމާލުވެ، އެކުދިންނަށް ލިބެންޖެހޭ އަސާސީ ޙައްޤުން މަޙްރޫމްކޮށް ބައެއް ދަރިން 18 އަހަރު ނުފުރެނީސް ކޯޓުން ބޭރުގައި ކައިވެނި ކުރުވާފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއްގައި އއ. މާޅޮހުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މިމައްސަލައިގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 45 އަހަރުގެ ދިވެހި ފިރިހެނެކެވެ.

މިމައްސަލައިގެ ތަހުގީގު ފުލުހުން އިތުރަށް ކުރަމުންދާއިރު، އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެއެވެ.

މާޅޮހުން މީހަކު މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު، ހަރުކަށި ފިކުރު ފެތުރުމުގެ ތުހުމަތުގައި މިމަހުގެ 18 ވަނަ ދުވަހު ރ. މަޑުއްވަރިން ހައްޔަރު ކުރި ތިން މީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ވަނީ 10 ދުވަހުގެ މުއްދަތެއް ދީފައެވެ. އެމީހުންގެ ތެރޭގައި އުމުރުން 13 އަހަރުގެ އަންހެން ކުއްޖަކާއި ކޯޓުން ބޭރުގައި ކައިވެނި ކޮށްގެން އުޅޭ ކަމަށް ބުނާ ހައްމާދުވެސް ހިމެނެއެވެ.

މިއަދު އޮންލައިން