ބަނޑުބޮޑު ވިއްޔާވެސް އެންމެ ފުރަތަމަ އިނގޭނީ އަހަންނަށް، އެހެން މީހުންނަކަށް ނޫން: ދީޕިކާ

ކިޔުމަށް ހޭދަވާނީ 1މ 19ސ
ބަނޑުބޮޑު ވިއްޔާވެސް އެންމެ ފުރަތަމަ އިނގޭނީ އަހަންނަށް، އެހެން މީހުންނަކަށް ނޫން: ދީޕިކާ

ބޮލީވުޑްގެ މަޝްހޫރު އެކްޓްރެސް ދިޕިކާ ޕަދުކޯން އިނީ ބަލިވެކަމަށް އަނެއްކާވެސް ދެކެވޭ ވާހަކަތަކަށް އޭނާ ވަރުގަދަ ރައްދެއް ދީފިއެވެ.

މިހާރު ބޮލީވުޑްގެ އެންމެ ކުރީ ސަފުގައި ހިމެނޭ އަދި އެންމެ އަގުބޮޑުވެސް ތަރި، ދިޕިކާ އިނީ ބަލިކަމަށް އަޑުތަކެއް ފެތުރެމުން ދިޔުމާއި ގުޅިގެން "ޓައިމްސް އޮފް އިންޑިއާ" އަށް މައުލޫމާތު ދެމުން ދިޕިކާ ބުނީ، އޭނާ ބަނޑުބޮޑު ވިޔަސްވެސް އެންމެ ފުރަތަމަ އިނގޭނީ އޭނައަށް ކަމަށާއި އޭނާއަށްވުރެ ބޮޑަށް އޭނާ ދަންނާނެ މީހަކު ނުހުންނާނެ ކަމަށެވެ.

އެއީ ދޮގު ވާހަކަތަކެއް ކަމަށް ބުނަމުން ދިޕިކާ ބުނީ މީހުން ފަތުރާ އެފަދަ ވާހަކަތަކަށް އޭނާ އެއްވެސް ފަރުވާލެއް ނުބަހައްޓާ ކަމަށާއި އޭނާގެ ޕޯސްޓުތަކަށް މީހުން ކޮށްފަ ހުންނަ ކޮމެންޓުތައް ވެސް ނުކިޔާ ކަމަށެވެ.

ދިޕިކާ އާއި ރަންވީރު ސިންގް ކައިވެނި ކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރ މަހު، އިޓަލީ ގައެވެ. ނަމަވެސް އޭނާ އިނީ ބަލިވެ ކަމަށް މިއަހަރު ކުރީކޮޅުވެސް ބަޔަކު ވަނީ އަޑުފަތުރާފައެވެ. އެފަހަރު އެކަން ސާފު ކޮށްދެމުން ދީޕިކާ ބުނީ އޭނާއާއި ރަންވީރަކީ ވެސް ކުޑަކުދިންދެކެ ލޯބިވާ ދެމީހުން ކަމަށާއި އެހެން ނަމަވެސް އެދެމީހުން ވެސް އަދި ބޭނުންވަނީ ދެމީހުންގެ ކެރިއަރަށް ފޯކަަސް ކުރަން ކަމަށެވެ.

ދީޕިކާ އެންމެ ފަހުން ފެނިފައިވަނީ ސަންޖޭ ލީލާ ބަންސާލީގެ ފިލްމު "ޕަދްމާވަތު" އިންނެވެ. ދެން އެންމެ އަވަހަށް އޭނާ ފެންނާނީ މޭގްނާ ގުލްޒާރްގެ "ޗަޕާކް" ފިލްމުންނެވެ. މިފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ޖަނަވަރީ މަހުގެ 10 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން