މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ނ.ވެލިދޫ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ވެލިދޫން ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ އުމުރުން 22 އަހަރުގެ މީހަކާއި 30 އަހަރުގެ މީހެކެވެ.
މި ދެމީހުން ހައްޔަރުކޮށްފައިވަނީ ވެލިދޫގައި މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު 16:30 އެހާކަންހާއިރު ހިންގި އޮޕަރޭޝަނުގައެވެ. މި އޮޕަރޭޝަނުގައި، ވެލިދޫ ބަނދަރު ސަރަޙައްދުން މި ދެމީހުން ހުއްޓުވައި ބަލައިފާސްކުރިއިރު 22 އަހަރުގެ މީހާ ލައިގެންހުރި ޖިންސު ޖީބުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ކުޑަ ރަބަރު ޕެކެޓެއް ފެނިފައިވެއެވެ. އަދި 30 އަހަރުގެ މީހާ އަތުގައި އޮތް ފައިވާނެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބޮޑު ރަބަރު ޕެކެޓެއް ފެނިފައިވެއެވެ.
މިމައްސަލައިގައި ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް ނ. ވެލިދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތު ދީފައިވެއެވެ.
މި މައްސަލަ ވެލިދޫ ޕޮލިސް ސްޓޭޝަނުން ދަނީ ތަހުޤީޤު ކުރަމުންނެވެ