ފުލުހުންގެ ސްޕެޝަލް ކޮންސްޓެބުލަރީ ކޮންސްޓަބަލްގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
ފުލުހުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ ކޮންސްޓެބުލަރީ ކޮންސްޓަބަލް މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާ ކަމަށާއި މިވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުގެ ތިން މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވާ، ނުވަތަ ސާނަވީ ތައުލީމު ނިންމާ އިމްތިހާނުން ދެ މާއްދާއިން ދަށްވެގެން ސީ ފާސް ލިބިފައިވުމާއެކު މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ލެވެލް ތިނެއްގެ ކޯހެއް ފުރިހަމަކޮށް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާންޖެހޭނެ ކަމަށެވެ. އަދި އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ، ފިރިހެނެއް ނަމަ އިސްކޮޅުން ފަސްފޫޓު ތިން އިންޗި، އަންހެނެއް ނަމަ އިސްކޮޅުގައި ފަސް ފޫޓު ހަމަވާ މީހަކަށް ވާންޖެހޭނެ ކަމަށް އިއުލާނުގައިވެއެވެ.
މީގެ އިތުރުން އިސްލާމް ދީނުގައި ހައްދެއް ކަނޑައެޅިފައިވާ ކުށެއް ކުރިކަން ނުވަތަ ވައްކަމުގެ އަމަލެއް ނުވަތަ ޓެކުން، މަކަރާއި ހީލަތް، މަސްތުވާތަކެތި ބޭނުންކުރުން، ނުވަތަ މަސްތުވާތަކެތީގެ ވިޔަފާރިކުރުން، އަދި ހިޔާނާތް ފަދަ ކުށެއް ކުރިކަން މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޝަރީއަތަށް ސާބިތުވެފައިވާ މީހަކު ކަމުގައި ވެގެން ނުވާނެ ކަމަށާ މިދިޔަ ފަސް އަހަރުގެ ތެރޭގައި، މަނާކުރެވިފައިވާ މަސްތުވާ އެއްޗަކުން އެކަހެރިވުމަށް ފަރުވާހޯދާފައިވާ ފަރާތަކަށް ވެގެން ނުވާނެ ކަމަށާއި އަދި ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ އެއްވެސް ސިޔާސީ ޕާޓީއެއްގެ ރަޖިސްޓްރީގައިވާ މީހަކަށް ވެގެން ނުވާނެ ކަމަށް އިއުލާނުގައިވެ އެވެ.
ވަޒީފާއަށް ކުރިމަތިލާ ފަރާތަކީ ފުލުހުންގެ ތަމްރީން ފުރިހަމަކުރެވޭ ފަދަ ސިއްހަތެއްގައި ހުރި މީހެއްކަމުގައި ވާންޖެހޭނެ ކަމަށްވެސް އިއުލާނުގައިވެއެވެ.
މި މަގާމަށް ކުރިމަތިލުމުގެ ސުންގަޑިއަކީ އަންނަ ޖެނުއަރީ މަހުގެ 30 ވަނަ ދުވަހެވެ.