އާ އަހަރެއް ފެށުމުގެ އުފަލާއި ގުޅިގެން ބައެއް ދިވެހީން ހައްދުން ނައްޓައިގެން ދިޔުމަކީ އައު ކަމެއް ނޫނެވެ. އެގޮތުން ކޮންމެ އަހަރެއްގެ ވެސް 31 ޑިސެމްބަރ އަކީ ފުލުހުން ވަކިން ޚާއްސަކޮށް އަވަދިނެތި އުޅެން ޖެހޭ ދުވަހެކެވެ. މަސްތުވާތަކެތީގެ ކުޅިވަރު އިންތިހާއަށް ދާނެ ކަމަށް އެންމެންނަށް ވެސް ޤަބޫލު ކުރެވޭ އެދުވަހާއި ގުޅިގެން ފުލުހުން އަބަދުވެސް ޚާއްސަ އޮޕަރޭޝަންތައް ހިންގައެވެ.
އެގޮތުން ރޭ އައްޑޫ ސިޓީގައި ވެސް ފުލުހުން ވަނީ ޚާއްސަ އޮޕަރޭޝަނެއް ހިންގާފައެވެ.
އިއްޔެގެ ހެނދުނުން ފެށިގެން ފުލުހުން އައްޑޫ ސިޓީގައި ކުރިއަށް ގެންގޮސްފައިވާ އޮޕަރޭޝަންގެ ތެރެއިން ހިތަދޫ ވަލުތެރެއިންނާއި ފަޅު ގެއެއްގެ ތެރެއިން، ރާ ކައްކަން ތައްޔާރު ކޮށްފައިހުރި ތިން ތަނެއް ތަކެއްޗާއެކު ވަނީ ހޯދާފައެވެ. އަދި ރާ ކައްކާފައި ހުރި 500 އެމްއެލް ގެ 12 ފުޅިއައި ފަސް ލީޓަރުގެ އެއް ފުޅި ވެސް ވަނީ ހޯދާފައެވެ.
މީގެއިތުރުން އެރަށުގެ އަމާންކަން ގެއްލޭ ގޮތަށް އުޅުނު 13 މީހަކު ވަނީ ހައްޔަރު ކޮށްފައެވެ.
ހިތަދޫގެ ފިހާރައަކަށް ގެއްލުން ދިން ދެ މީހަކު ކޯޓު އަމުރެއްގެ ދަށުން ހައްޔަރު ކޮށްފައި ވެސް ވެއެވެ.
ފުލުހުން ބުނި ގޮތުގައި ޖުމްލަކޮށް އައްޑޫ ސިޓީގެ ހުރިހާ ރަށެއްގައި ވެސް އާއްމު ހާލަތު ރަނގަޅު ކަމަށެވެ.
އައްޑޫސިޓީ ހިތަދޫގެ ބައެއް ސަރަޙައްދުން މިފަދަ ނޭދެވޭ ކަންކަން ފެނުން ކަމުގައި ވިޔަސް، އާ އަހަރެއް ފެށުމުގެ އުފަލާއި ގުޅިގެން އައްޑޫ ސިޓީން ވަނީ އިއްޔަ ކުޑަކުދިންގެ ހަވީރެއްވެސް ބާއްވާފައެވެ.
އެގޮތުން ހިތަދޫ ބަނދަރު ސަރަޙައްދުގައި "އައްޑޫ ފްރެންޑްސް" ގެ ފަރާތުން އިއްޔެ ހަވީރު 16:00 ގައި ބޭއްވި ކުޑަކުދިންގެ ހަވީރުގައި، އެކުދިންނަށް ޚާއްސަ ބައެއް ހަރަކާތްތައް ހިންގުމުގައި ފުލުހުން ވެސް ބައިވެރިވެ އަދި ރޭގަނޑު އޮތް ޝޯއަށް ސެކިއުރިޓީ ވެސް ފޯރު ކޮށްދީފައިވެއެވެ.