އާ އަހަރެއް ފެށުމުގެ މުނާސަބާ ފާހަގަ ކުރުމުގެ ގޮތުން، ބައެއް މީހުން ކޮންމެ އަހަރަކުވެސް ނޭދެވޭ އެތައް ކަމެއް ކުރަމުން ގެންދިޔުމާއި ގުޅިގެން ފުލުހުން މިދިޔަ އަހަރުގެ ޑިސެމްބަރ މަހު ފަހުކޮޅު ފަށާފައިވާ ޚާއްސަ އޮޕަރޭޝަންގެ ދަށުން، ބަނގުރާ ބޯން ތިބި ތިން މީހަކު ށ. ފުނަދޫ އިން ރޭ ހައްޔަރު ކޮށްފައިވެއެވެ.
ފުލުހުން ވިދާޅުވި ގޮތުގައި ރޭ 22:00 ހާއިރު އެމީހުން ހައްޔަރު ކޮށްފައިވަނީ ފުނަދޫ އުތުރު ފަރާތު ވަލުތެރެއިންނާއި ބީޗް އޭރިއާއިންނެވެ.
ފުނަދޫ ޕޮލިހުން ހިންގި އެއޮޕަރޭޝަނުގައި ބަނގުރާ ހުރި ފަސް ލީޓަރުގެ ފުޅިއަކާއި 500 އެމްއެލްގެ ތިން ފުޅި ފެނިފައިވެއެވެ.

މީގެއިތުރުން ފުޅާ ދާއިރާއެއްގައި މަސްތުވާ ތަކެތީގެ ވިޔަފާރި ކުރާ ކަމުގެ ތުހުމަތުގައި ށ. ޅައިމަގު ފަސް ގެއެއް ބަލައިފާސްކޮށް ތިން މީހަކު ހައްޔަރު ކޮށްފައިވެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވެފައިވަނީ ރޭ ފުނަދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި ޅައިމަގުގައި ފުޅާ ދާއިރާއެއްގައި ޑްރަގް ވިޔަފާރިކުރާ ކަމުގެ ތުހުމަތުގައި ފަސް ގެއެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އެމައްސަލައިގަ ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިއޮޕަރޭޝަންގައި ގެތައް ބަލައިފާސްކުރި އިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް އަޅާފަ ހުރި އަދި ވިޔަފާރި ކުރުމަށްޓަކައި ބޭނުންކުރާ ޒާތުގެ 171 ސެލޯފީންކޮޅާއި 30 ރަބަރު ޕެކެޓު ވެސް ފެނިފައިވާ ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކާއި އަދި 29 އަހަރުގެ ފިރިހެނެކެވެ. އެއެންމެންނަކީ ެވސް ދިވެހީންނެވެ.
މިމައްސަލައިގައި ހައްޔަރު ކުރި މީހުންގެ ކުޑަކަމުދާތަކެތިން، މަސްތުވާތަކެތި ބޭނުންކުރިކަމަށް ތަހުލީލު ކުރިއިރު، ޕޮޒިޓިވް ވެފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންެނެވެ.