މަސްވެރިންގެ ޖެޓީގެ މެދުގައި އިން ބްލޮކެއް ބިންދައިގެން ގޮސް، އޭގެ މަތީގައިތިބި ދެމީހަކު ވެއްޓި އަނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑީއާ އޮފިޝަލަކު ވިދާޅުވީ މިއަދު ހަވީރު 17:57 ހާއިރު ރަސްފަންނު ވެސްޓްޕާކް ގެ މަސްބާނާ ޖެޓީ މަތިން ދެ މީހަކު ވެއްޓިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މިހާދިސާ ހިނގަން މެދުވެރިވެފައިވަނީ އެޖެޓީގައި ހުރި ހަތަރު ބްލޮކްގެ ތެރެއިން މެދުގަހުރި ދެ ބްލޮކް ބިންދައިގެން ދިޔަ ގަޑީގަ އެބްލޮކްގައި ތިބި މީހުން ވެއްޓިގެން ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.
މިހާދިސާގައި ވެއްޓުނު ދެމީހުންގެ ތެރެއިން އެކަކުގެ ފައިގެ ދަށްފުށް ކަފައިގެން ގޮސްފައިވާ ކަމަށާއި އޭނާއަށް ހޮސްޕިޓަލުގައި ފަރުވާ ދީފައިވާ ކަމަށް ވެސް ފުލުހުން ވިދާލުވެފައިވެއެވެ. އަދި އެމީހާގެ ހާލު ސީރިއަސް ނޫން ކަމަށް ވެސް ވިދާޅުވެފައިވެއެވެ.
މިހާދިސާ ހިނގުމާއި ގުޅިގެން އެޖެޓީގެ ހާލަތާއި ބެހޭ މައުލޫމާތު ފުލުހުންވަނީ މާލޭ ސިޓީ ކައުންސިލާއި ހިއްސާ ކޮށްފައެވެ. އަދި ރައްޔިތުންގެ ސަލާމަތައްޓަކައި ފުލުހުން ވަނީ އެސަރަޙައްދު ބަންދުކޮށްފައެވެ.