ށ. ފުނަދޫއިން ޑިންގީއެއްގައި އެކަނި މަހަށް ނިކުމެ އުޅުނު މީހެއްގެ ކަރުގައި ކަންވާރެއް އޮޅިގެން ނިޔާވެއްޖެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ށ.ފުނަދޫ އިން ޑިންގީއެއްގައި މަސްވެރިކަމަށް ނިކުމެ އުޅުމުގެ ތެރޭގައި މަހެއް ގަނެގެން، މޫދަށް ވެއްޓި ކަރުގައި ކަންވާރު އޮޅިގެން މީހަކު ނިޔާވެފެފައިވާ ކަމަށެވެ. މިހާދިސާގެ މައުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 11:26 ހާއިރެވެ.
މި ހާދިސާގައި ނިޔާވެފައިވަނީ އުމުރުން 59 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށާއި އެމީހާ ފުނަދޫ ހޮސްޕިޓަލަށް ގެނައިރު ވެސް ނިޔާވެފައިވާ ކަމަށް ޑޮކްޓަރުންނާ ހަވާލާދީ ފުލުހުން ވިދާޅުވެފައިވެއެވެ.
އެނގިފައިވާ ގޮތުގައި އެމީހާ އެޑިންގީގައި މަސްވެރިކަމަށް ގޮސްފައިވަނީ އެކަންޏެވެ. އަދި އޭނާ މޫދަށް ވެއްޓިފައިވަނިކޮށް ފެނިފައިވަނީ އެ ސަރަހައްދުގައި އުޅުނު ދޯންޏަކަށެވެ.
މި މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މަރްހޫމްގެ ފުރާނައަށް މާތް ﷲ ރަޙްމަތްލައްވާށި އާމީން. އަދި މިފަދަ ހިތްދަތި ދަނޑިވަޅެއްގައި އާއިލާއަށް ކެތްތެރިކަން ދެއްވާށި. އާމީން.
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ