"5ޖީއެއް ނޫން! ކޮންމެ ޖީއެއް، ކޮންމެ އައު ޓެކްނޮލިޖީއެއް" ވެސް ދުނިޔޭގައި ތަޢާރަފްކޮށްފިނަމަ އެ ޓެކްނޮލޮޖީއެއް އުރީދޫން ރާއްޖެ ގެނެސް ހެޔޮއަގުގައި ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭނެ ކަމަށް އުރީދޫގެ އެމްޑީ އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވެއްޖެއެވެ.
މިއަހަރަކީ އުރީދޫ މޯލްޑިވްސްއަށް 15 އަހަރު ފުރޭ އަހަރުކަމަށްވުމުން އެކަން ފާހަގަކުރުމުގެ ޙަރަކާތްތަކުގެ ފެށުމެއްގެ ގޮތުން އުރީދޫގެ ޕާޓްނަރުންގެ އަގު ވަޒަންކުރުމަށް ހޮޓެލް ޖެންގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ނަޖީބްޚާން ވިދާޅުވީ ރާއްޖޭގެ މުވާސަލާތީ ނިޒާމަށް އުރީދޫން ވަނީ 15 އަަހރުގެ ކުރު މުއްދަތެއްގައި ވަރަށް ގިން އިންޤިލާބީ ބަދަލުތަކެއް ގެނެސްފައިވާ ކަމަށާއި އެކަމުގެ ފައިދާ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ދަނީ ކުރަމުން ކަމަށެވެ.
އެގޮތުން އައު ޓެކްނޮލޮޖީގެ ފައިދާ ދިވެހިރައްޔިތުންނަށް ފޯރުކޮށްދެވެމުން ދަނީވެސް ސަރަހައްދީ ފެންވަރުގައި ވަރަށް ހެޔޮ އަގުގައިކަން ނަޖީބްޚާން ފާހަގަކުރެއްވެވިއެވެ. އަދި ފާއިތުވި 15 އަަހރު ތެރޭގައި އެކި ގޮތްގޮތުން އުރީދޫއަށް ޚިދުމަތްކޮށްދިން ހުރިހާ ފަރާތްތަކުން ކޮށްދިން ޚިދުމަތުގެ އަގު ވަޒަން ކުރެއްވިއެވެ.
މިރޭގެ ހަފްލާގައި ދައުލަތުގެ ބައެއް ވަޒީރުންނާއި އިސް ބޭފުޅުންނާއި އުރީދޫގެ ގިނަ އަދަދެއްގެ ޕާޓަނަރުން ބައިވެރިވިއެވެ.