އުރީދޫން 6 މަސް ތެރޭ ހުރިހާ ރަށަކަށް ޚިދުމަތްދޭން އުޅެންޖެހުނު ޙާލު ކިޔައިދީ ޙުސައިން ނިޔާޒް އެންމެން ރޮއްވާލައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
އުރީދޫން 6 މަސް ތެރޭ ހުރިހާ ރަށަކަށް ޚިދުމަތްދޭން އުޅެންޖެހުނު ޙާލު ކިޔައިދީ ޙުސައިން ނިޔާޒް އެންމެން ރޮއްވާލައިފި!

އުރީދޫގެ 15 ވަނަ އަހަރީ ދުވަސް ފާހަގަކުރަން ފެށުމުގެ ގޮތުން ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި އުރީދޫން 6 މަސް ތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ޚިދުމަތްދޭން އުޅެންޖެހުނު ޙާލު ކިޔައިދެއްވައި އުރީދޫގެ ޗީފް ކޮމަރޝަލް އޮފިސަރ ޙުސައިން ނިޔާޒް އެންމެން ރޮއްވާލައިފިއެވެ. 

ޙުސައިން ނިޔާޒް ވިދާޅުވީ އުރީދޫއަށް ލައިސަންސް ދިނީ 6 މަސް ތެރޭ ރާއްޖޭގެ ހުރިހާ ރަށަކަށް ޚިދުމަތް ދިނުން ޝަރުޠުކޮށް ކަމަށާއި އެކަންވީ ވަރަށް ބޮޑު ގޮންޖެހުމަކަށް ކަމަށެވެ. 

"ބައެއް ރަށްރަށަށް އަރަން ޖެހުނީ ސަރފް ބޯޑުގަ ފަތާފަ. އެންޓެނާ ޖަހަން ގެންދިއަ ތަކެތި ބާލަން ޖެހުނީ ކަރުތާފެނަށް މޫދަށް އެރިގެން. ރަށްރަށުގައި ރެސްޓޯރަންޓެއް ނުހުރޭ. މައިގަނޑު ކެއުމަކަށް ބޭނުންކުރަން ޖެހުނީ ކޯކާ ނިޔުޓްރޯ ބިސްކޯދު. ހަރު އެއްޗެއް ކާން ލިބެނީ ގެއަކަށް ނޫޑްލްސް ނޫނީ ހަނޑޫ ދީ ކައްކުވައިގެން." 

ޙުސައިން ނިޔާޒް ވިދާޅުވީ އެ ދަތި ޙާލުގައިވެސް އުރީދޫ އިން ސަމާލުކަން ދިނީ ކޮންމެ ހާލަތެއްގައި ނަމަވެސް އެއްބަސްވުމާއި އެއްގޮތަށް މަސައްކަތް ނިންމަން ކަމަށެވެ. "އަޅުގަނޑަކީ އެ ދަތި ޙާލުގައި މަސައްކަތްކުރި މީހެއް. އެއިރު އަޅުގަނޑު އަދާކުރީ ޓެކްނީޝިއަނެއްގެ ވަޒީފާ. އެހެންވެ ރަސްރަށަށް ގޮސް އަޅުގަނޑަކީ ދެއަތުން މަސައްކަތްކުރި މީހެއް." 

ޙުސައިން ނިޔާޒް ވިދާޅުވީ އެއިރުވެސް ރާއްޖޭގެ ގިނަ ރަށްތަކަށް މޯބައިލް ކަވަރޭޖް ނުލިބޭ ކަމަށާއި އެހެންކަމުން މުވާސަލާތުކުރުމުގައިވެސް ވަރަށް ގިނަ ދަތިތައް ހުރި ކަމަށެވެ. 

"އުރީދޫގެ ފުރަތަމަ 9 އަހަރު ކުންފުންޏަށް އެއްވެސް ފައިދާއެއް ނުވޭ. ނަމަވެސް މިއަދު އުރީދޫ އަކީ ވާދަވެރި ކުންފުންޏާ އެއް ހަމައިގަ އޮތް ކުންފުންޏެއް. މިހިސާބަށް މިއާދެވުނީ ރައްޔިތުން އުރީދޫގެ ޚިދުމަތް ބަލައިގަނެ އެއްބާރުލުން ދިނުމުން. ވަރަށް ބޮޑަށް ޝުކުރިއްޔާ ދިވެހި ރައްޔިތުން." ޙުސައިން ނިޔާޒް ވިދާޅުވިއެވެ.

މިއަދު އޮންލައިން