މީސްތަކުން ޣާފިލުވެ މާތް ﷲ މަތިން ހަނދާން ނައްތައިލައެވެ. އެކަލާނގެ ބާވައިލެއްވެވި ގޮތާއި ދުރަށްދެއެވެ. އެކަލާނގެ ބާވައިލެއްވެވި ޙުކުމްފުޅުތައް ދޫކޮށްލައި އަމިއްލަ ގޮތްތައް ކުރިއަށް ނެރެއެވެ.
މިފަދަ ޙާލަތަށް މީސްތަކުންގެ ކަންކަން ދިއުމުން ތަފާތު މުޞީބާތްތައް ކުރިމަތި ކުރައްވަވައެވެ. ހިތުހުރިހައި ގޮތަކަށް ތިއަ އުޅެނީ މީސްތަކުންގެ އެއްވެސް ބާރެއް ނެތިކަން ބަޔާންކޮށްދެއްވަވައެވެ. އަދި މާތް ﷲ ބޭފުޅުންވެވޮޑިގެންފި ކޮންމެ ހިނދެއްގައި ކޮންމެ ފަދަ މުޞީބާތެއްވެސް ކުރިމަތިކުރައްވަވައިފާނެ ކަމުގެ އިންޒާރު ދެއްވަވައެވެ.
މިފަދަ އިންޒާރުތައް ދުނިޔޭގެ ހުރިހާ ޤައުމުތަކަށް އެއްފަހަރާ ނުދެއްވެވި ނަމަވެސް ހުރިހާ ޤައުމުތަކުންވެސް އޮތީ ޢިބްރަތް ޙާޞިލުކުރުމެވެ. 2002/2003ގައި ސާރސް ވައިރަސްގެ މުޞީބާތް ކުރިމަތިވިއެވެ. އެ ފަހަރު 9 މަސް ދުވަސްތެރޭގައި ބަލި ޖެހުނު މީހުންގެ އަދަދަށްވުރެ މަދު ހަފްތާކޮޅެއްގެ ތެރޭގައި ކޮރޯނާ ވައިރަސް ޖެހުނު މީހުންގެ އަދަދު މިވަނީ އިތުރުވެފައެވެ. ފެތުރުނު މިންވަރާ ސަރަހައްދުތައްވެސް ގިނައެވެ. އެކަމުގެ އަސަރުކުރި މީހުންގެ އަދަދުވެސް މިވަނީ ގިނަވެފައެވެ.
އިންސާނުންގެ ޖާހިލުކަން ބޮޑުވުމުން މިއިްނ އެއްވެސް ކަމަކަށް ބިރު ނުގަންނަނީއެވެ. ޙަޤީޤަތް ނުއެނގޭތީއެއްވެސް ނޫނެވެ. އެންމެންނަށްވެސް ޙަޤީޤަތް ހަމަ ރަނގަޅަށް އެނގެއެވެ. ތަފާސް ހިސާބުތައް ވެސް އެނގެންދަނީ ހާމަކުރަމުންނެވެ.
އިންސާނުންގެ ލޮލަށްވެސް ނުފެންނަ ވަރުގެ ކުޑަކުޑަ ޖަރާސީމެއް މުޅި ދުނިޔެ ސިއްސުވާލައިފިއެވެ. އިޤްޠިޞާދީ ބޮޑެތި ގެއްލުންތައް ކުރިމަތިކުރުވައިފިއެވެ. ވައިރަސް ފޮނުއްވެވީ ހަމަ ނަމްރޫދާއި އޭނާގެ ބިޔަ ލަޝްކަރުގެ މައްޗަށް ކުދަކުޑަ މަދިރި ފޮނުއްވަވައި ނެތިކޮށްލެއްވެވި ﷲ ތަޢާލާއެވެ!
މިއަދު ގޮތް ހުސްވެ ތެޅިފޮޅެމުން އެދަނީ ދުނިޔޭގެ އެންމެ ބޮޑު އިޤްޠިޞާދީ ބާރެވެ! އެންމެ ބިޔަ ހަނގުރާމަވެރި ލަޝްކަރު އޮތް ޗައިނާއެވެ. މުޅި ދުނިޔޭގެ އިސްތްށިތައް މިވަނީ ބިރުން ކޮޅަސް ޖެހިފައެވެ! އަދިވެސް ހަމަ ވިސްނައިލާކަށް ނުވޭ ހެއްޔެވެ؟