ސުލައިމާނީ މަސައްކަތްކުރީ މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް: އީރާންގެ ރައީސް

ކިޔުމަށް ހޭދަވާނީ 1މ 3ސ
ސުލައިމާނީ މަސައްކަތްކުރީ މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށް: އީރާންގެ ރައީސް

މިދިޔަ މަހު އެމެރިކާއިން ޢިރާޤުގެ ވެރިރަށް ބަޣްދާދަށް ދިން ޙަމަލާއެއްގައި މަރުވި އީރާނުގެ އަސްކަރީ އިސްވެރިއެއްކަމަށްވާ ޤަސިމް ސުލައިމާނީ މަސައްކަތްކުރަމުންދިޔައީ މެދުއިރުމަތީގައި ހަމަޖެހުން ޤާއިމުކުރުމަށްކަމަށް އީރާނުގެ ރައީސް ޙަސަން ރޫޙާނީ ވިދާޅުވެއްޖެއެވެ.

އީރާނުގެ ޓީވީ މެދުވެރިކުރައްވާ ދެއްވި ޙިޠާބެއްގައި އީރާނުގެ ރައީސް ރޫޙާނީ ވިދާޅުވީ ސުލައިމާނީ ބޭނުންވީ އެސަރަޙައްދުގައި ޞުލްޙަ ޤައިމުކުރުމަށް ކަމަށެވެ. އަދި އޭނާ ބޭނުންވިނަމަ އަފްޣާނިސްތާނާއި ޢިރާޤުފަދަ ޤައުމުތަކުގައި ތިބި އެމެރިކާގެ އަސްކަރީ އިސްވެރިން މަރާލުމުގެ ބާރު ސުލައިމާނީއަށް އޮތް ނަމަވެސް އޭނާ އަމަލުކުރީ އެގޮތަށް ނޫންކަމަށް ރޫޙާނީ ފާހަގަކުރެއްވިއެވެ.

އީރާނުގެ ރައީސް ވިދާޅުވީ ސުލައިމާނީގެ މަރުގެ ބަދަލުގައި އީރާނުން ޢިރާޤުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް ޙަމަލާތައް ދިން ނަމަވެސް އަވަށްޓެރި ޤައުމުތަކަށް ޙަމަލާދިނުމަށް އީރާނުގެ ބެލެސްޓިކް މިސައިލް ޕްރޮގްރާމް ބޭނުން ނުކުރާނެކަމަށެވެ.

އޭގެ ބަދަލުގައި އީރާނުގެ މިސައިލްތަކަކީ ޓެރަރިސްޓުންނާ ދެކޮޅަށް ބޭނުންކުރާނެ ހަތިޔާރުތަކެއްކަމަށާއި އިސްވެ ޙަމަލާ ދިނުމުގެ މަޤްޞަދުގައި އީރާނުން ބަރުހަތިޔާރު ނުއުފައްދާނެ ކަމަށްވެސް ރޫހާނީ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އީރާނުން ބޭނުންވަނީ ޞުލްޙަވެރިކަމާއެކު އަވަށްޓެރި ޤައުމުތަކާ ގުޅިގެން މަސައްކަތްކުރުމަށްކަމަށާއި އެކަން އެޤައުމުތަކުގެ ސަރުކާރުތަކަށާއި ރައްޔިތުންނަށް ކަށަވަރުކޮށްދޭކަމަށެވެ.

މިއަދު އޮންލައިން