ކޮވިޑް 19 (ކޮރޯނާ ވައިރަސް) ޖެހިގެން ފުރަތަމަ ފަހަރަށް އިޓަލީން މީހަކު މަރުވެއްޖެއެވެ.
ރިޕޯޓުތަކުން ބުނާގޮތުގައި އެމީހާ މަރުވެފައިވަނީ، ގިނަ ބަޔަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާކަމަށް ޝައްކު ކުރެވިގެން އެޤައުމުގެ 10 އަވަށެއް ބަންދު ކުރިތާ ގަޑިއިރުތަކެއް ފަހުންނެވެ.
ވެނޭޓޯގެ ރީޖަނަލްގެ ރައީސް ލޫކާ ޒައިއާ އާއި ހަވާލާދީ އޭއެންއެސްއޭ ނޫސް އޭޖެންސީން ބުނެފައިވަނީ، މިބައްޔަށް ޕޮޒިޓިވް ވެގެން މިދިޔަ ހުކުރު ދުވަހު މަރުވެފައިވަނީ އުމުރުން 78 އަހަރުގެ ފިރިހެނެއް ކަމަށެވެ. އޭނާ ޖުމްލަ 10 ދުވަސް ވަންދެން ފަރުވާ ހޯދި ކަމަށް ވެސް ރިޕޯޓުތަކުން ބުނެއެވެ.
ބްރަސެލްސް ގައި އޮތް އީޔޫ ސަމިޓެއްގައި ވާހަކަ ދައްކަވަމުން އިޓަލީގެ ޕްރައިމް މިިނިސްޓަރ ގިއުސެޕް ކޮންޓެ ވިދާޅުޅުވީ އިޓަލީ އޮތީ އެފަދަ ކުއްލި ޙާލަތްތަކަށް ތައްޔާރަށް ކަމަށެވެ.
"މިކަމާއި އެހާ ހާސްވެ ކަންބޮޑު ނުވުމަށް ރައްޔިޔުންނަށް އިލްތިމަސް ކުރަން" ގިއުސެޕް ބވިދާޅުވެފައިވެއެވެ.
މި ބަލީގައި އިޓަލީން މީހަކު މަރުވެފައިވާއިރު އިއްޔެ އެކަނި ވެސް އިޓަލީގެ އުތުރުގެ ސަރަހައްދުތަކުން ވަނީ މި ބައްޔަށް 15 މީހަކު ޕޮޒިޓިވް ވެފައެވެ. މީގެތެރޭގައި ފަސް ޑޮކްޓަރުން ވެސް ހިމެނެއެވެ.
އިޓަލީގެ ހެލްތު މިނިސްޓްރީން ވަނީ މި ބަލި އެންމެ ބޮޑަށް ފެތުރިފައިވާ ސަރަހައްދުތަކުގެ ސްކޫލްތަކާއި އޮފީސްތަކާއި ކުޅިވަރު އިވެންޓުތައް މިވަގުތަށް މަޑުޖައްސާލަން ނިންމާފައެވެ.
ކޮރޯނާ ވައިރަސް މިހާރު ދުނިޔޭގެ 28 ގައުމަކުން ފެނިފައިވާ އިރު ވައިރަހަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 70،000 އަށް ވުރެ އިތުރުވެފަ އެވެ. އަދި މި ބަލީގައި މަރުވި މީހުންގެ އަދަދު ވަނީ 2،000 އަށް ވުރެ މައްޗަށް އަރާފައެވެ.