ކޮރޯނާ ވައިރަސްގެ ނުރައްކާ މުޅި ދުނިޔެއަށް ވަރަށް ބޮޑު: ޑަބްލިޔުއެޗްއޯ

ކިޔުމަށް ހޭދަވާނީ 1މ 17ސ
ކޮރޯނާ ވައިރަސްގެ ނުރައްކާ މުޅި ދުނިޔެއަށް ވަރަށް ބޮޑު: ޑަބްލިޔުއެޗްއޯ

ކޮރޯނާ ވައިރަސް، ނުވަތަ ކޯވިޑް-19 ގެ ނުރައްކާ މުޅި ދުނިޔެއަށް ވަރަށް ބޮޑުކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާ ޑަބްލިޔުއެޗްއޯގެ ސެކްރެޓަރީ ޖެނެރަލް ޓެޑްރޮސް އަދަނޮމް ގެބްރިޔޭސުސް ވިދާޅުވެއްޖެއެވެ. ގެބްރިޔޭސުސް އެހެން ވިދާޅުވީ ސްވިޓްޒަލެންޑުގެ ޖެނީވާގައި ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުންނެވެ.

ދުނިޔޭގެ 50 ޤައުމަކަށް ފެތުރިފައިވާ ކޯވިޑް-19 ގެ ނުރައްކާ ދުނިޔޭގައި އޮތީ ވަރަށް ނުރައްކާތެރި ދަރަޖައަކަށްކަމަށާއި އެހެންކަމުން ބަލި ފެތުރޭނެކަމަށް އަންދާޒާކޮށްފަ އޮތް މިންވަރު އިތުރުކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޗައިނާއިން ބޭރުގައި މިހާރު 4،350 އަށްވުރެ ގިނަ މީހުންނަށް ވައިރަސް ޖެހިފައިވާކަމަށާއި ފާއިތުވި ހަފުތާގައި އިޓަލީވިލާތާއި އީރާނުގައި ވައިރަސް ފެތުރެމުންދާ މިންވަރު އިތުރުވެފައިވާކަމަށް ގެބްރިޔޭސުސްވަނީ ފާހަގަކުރައްވާފައެވެ. ޗައިނާ ފިޔަވާ ވައިރެސް ފެތުރުނު ޤައުމުތަކުން މިހާތަނަށް 67 މީހުންވަނީ މަރުވެފައެވެ. ވައިރަސް މުޅިން އަލަށް ފެނުނު ޤައުމުތަކުގެ ތެރޭގައި ޑެންމާރކާއި އެސްޓޯނިޔާއާއި ލިތުއޭނިޔާއާއި ނެދަލެންޑްސްއާއި ނައިޖީރިޔާ ހިމެނެއެވެ.

ޑަބްލިޔުއެޗްއޯގެ ޞިއްޙީ ކުއްލި ޙާލަތާގުޅޭ ޕްރޮގްރާމްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޑރ މައިކްލް ރަޔަން ވިދާޅުވީ ކޯވިޑް-19 ފެތުރުން ހުއްޓުވިދާނެ އަލާމާތްތައް ފެންނަން ހުރުމުން އެކަމުގެ އުންމީދު އާވެ ހިތްވަރު ލިބިފައިވާކަމަށެވެ. ޑަބްލިޔުއެޗްއޯއިން ވައިރަހުގެ ނުރައްކާ އޮތް މިންވަރު އަންދާޒާކޮށް މަޢުލޫމާތު ހާމަކުރުމުގެ ބޭނުމަކީ މީހުން ބިރުގެންނެވުން ނޫންކަމަށް ރަޔަން ވިދާޅުވިއެވެ. އެކަމުގެ ބޭނުމަކީ ޤައުމުތަކުން ސަމާލުވާންވީ މިންވަރު އަންގާދިނުންކަމަށް އޭނާ ވިދާޅުވިއެވެ.

މިއަދު އޮންލައިން