ހޯ ޗި މިން، ވިއެޓްނާމް: ދުނިޔޭގެ އެކިކަންކޮޅުތަކުގައި ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޮވިޑް 19 ބައްޔަށް ވިއެޓްނާމުން އިންފެކްޓުވި 16 ބަލި މީހުންވެސް، އެބަލިން މިހާރު ސަލާމަތްވެ ހޮސްޕިޓަލުން ވެސް ދޫކޮށްލައިފިކަމަށް އެޤައުމުން ބުނެފިއެވެ.
އެގޮތުން އެބަލި ޖެހިފައިވާ މީހުން މިދިޔަ ބުދަ ދުވަހުން ފެށިގެން ހޮސްޕިޓަލުން ދޫކޮށްލާފައިވާއިރު، ވިއެޓްނާމްގައި މިބަލި ޖެހުނު އުމުރުން އެންމެ ދުވަސްވީ މީހާ ވެސް މިހާރު ވަނީ ގެއަށް ފޮނުވާލާފައި ކަމަށް ރިޕޯޓުތަކުން ބުނެއެވެ. އެމީހާގެ އުމުރަކީ 73 އަހަަރެވެ.
މިދިޔަ 15 ދުވަހުގެ ތެރޭގައި ވެސް ކޮވިޑް 19 ޖެހިގެން އިތުރަށް އެއްވެސް ބަލިމީހަކު ގެެނެސްފައިނުވާ ކަމަށާއި އެންމެ ފަހުން އެބަލީގެ ކޭސްއެއް ހޮސްޕިޓަލަކަށް ގެންގޮސްފައިވަނީ ފެބްރުއަރީ މަހުގެ 13 ވަނަ ދުވަހު ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
ވޯލްޑް ހެލްތު އޮގަނައިޒޭޝަންގެ އޮފިޝަލުންނާއި ތަޖުރިބާކާރުން ބުނާ ގޮތުގައި، ފަސޭހަ ކަމާއި އެކު ކޮވިޑް-19 އާއި ދެކޮޅަށް ފަރު ވާލިބިގަނެވުނީ ވިއެޓްނާމްގެ ސަރުކާރުން ކުރީ ބައިގައި ވައިރަސް އާއި ދެކޮޅަށް ފިޔަވަޅު އެޅުމުންނެވެ.
ޗައިނާ ނޫން ގައުމުތަކުގެ ތެރެއިން ކޮރޯނާ ވައިރަސް މިހާތަނަށް އެންމެ ބޮޑަށް ފެނިިފަވާ ގައުމުތަކުގެ ތެރޭގައި، ސައުތު ކޮރެއާ، އީރާން، އިޓަލީ އަދި ޖަޕާން ހިމެނެ އެވެ. މި ވައިރަސް އަންނަނީ އިތުރު ގައުމުތަކުން ވެސް ފެންނަމުންނެވެ. އެގޮތުން ބުދަ ދުވަހު ޕާކިސްތާނާއި، ޖަރުމަނު އަދި ބްރެޒިލުން ވަނީ އަލަށް މި ވައިރަސް ޖެހިގެން ރިޕޯޓްކޮށްފަ އެވެ.