ހަލުވި ކަމާއެކު ފެތުރެމުން އަންނަ ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އިން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ މުވައްޒަފުން ރައްކާތެރިކުރުމުގެ ގޮތުން އެކުންފުނިން މުހިންމު ފިޔަވަޅުތަކެއް އަޅައިފިއެވެ.
އެގޮތުން އެމްޕީއެލް އިން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ އެކުންފުނީގައި މަސައްކަތްކުރާ މާބަނޑު އަންހެނުންނާއި އުމުރުން ދުވަސްވީ މީހުން، މުސާރަ ލިބޭ ގޮތަށް، ގޭގައި މަޑުކުރަން އަންގާފައިވާ ކަމަށެވެ.
ކޯވިޑް-19 އަށް ރައްކާތެރި ކުރުމުގެ ގޮތުން މާދަމާއިން ފެށިގެން މިފަދައިން އަމަލު ކުރަން ފަށާއިރު މިއީ މިހާރު ރާއްޖެއަށް ސަރުކާރުން ނެރެފައިވާ ސިއްޙީ ކުއްލި ނުރައްކަލުގެ ހާލަތު ނިމެންދެން ނިންމި ނިންމުމެއް ކަމަށް ވެސް އެމްޕީއެލް އިން ހާމަކޮށްފައިވެއެވެ.
މީގެއިތުރުން އެކުންފުނިން ބުނެފައިވަނީ، އެމްޕީއެލް ގައި މަސައްކަތް ކުރާ އެހެން މުވައްޒިފުންގެ ތެރެއިން ގޭގައި މަސައްކަތް ކުރެވޭނެ މުވައްޒިފުން ގޭގައި މަސައްކަތް ކުރެވޭނެ ގޮތަށް ނިންމާފައިވާ ކަމަށާއި އޮފީހުގައި މަސައްކަތްކުރާ އެހެން މުވައްޒިފުން ވެސް މަސައްކަތް ކުރަންޖެހޭ ވަގުތު ކުޑަކުރުމަށް ނިންމާފައިވާ ކަމަށެވެ.
އަދި ކާގޯ ކްލިއަރިންގ ގައި ވެސް މީހާވެސް މަދު މުވައްޒަފުން ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށާއި ޝިފްޓުތަކަށް ބަހާލައިގެން ކާގޯ ކްލިއަރ ކުރުމަށް ވިސްނާފައިވާ ކަމަށް ވެސް އެމްޕީއެލް އިން މައުލޫމާތު ދީފައިވެއެވެ.