ކޮރޯނާވައިރަސް އާއި ގުޅިގެން ކުރިއަށް އޮތް 1 ހަފްތާއަށް ސަރުކާރު ބަންދުކުރުމަށް ހަމަޖެހިފައިވާތީ މި ދުވަސްތަކުގައި ބޭންކުތައް ހުޅުވާފަ ހުންނާނެ ދުވަސްތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފިއެވެ.
އެމްއެމްއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ސަރުކާރު ބަންދުކޮށްފައިވާ މުއްދަތުގައި ބޭންކުތައް ހުޅުވާފައި ހުންނާނީ 19، 23 އަދި 26 ވަނަ ދުވަހު ކަމަށެވެ. އަދި ފައިސާ ބަލައިގަނެ ދޫކުރުން ފަދަ ބޭންކިން ހިދުމަތްތައްކާއި، ވަކިލާރި ބަލައިގަނެ ދޫކުރުމުގެ ހިދުމަތްތައް ދިނުމަށް ހަމަޖެހިފައި ވަނީ އެދުވަސް ތަކުގެ ހެނދުނު 09:30 އިން ފެށިގެން 11:00 އަށް ކަމަށެވެ.
އާންމު ފަރާތްތަކުންނާއި ޖެމްސް ބޭނުންކުރާ އިދާރާތަކުން ފޮނުވާ ސިޓީ އާއި އެހެނިހެން ތަކެތި ބަލައިގަންނާނީ އީމެއިލް މެދުވެރިކޮށް ކަމަށް ވެސް އެމްއެމްއޭ ވަނީ ބުނެފައެވެ.
މި މަހުގެ 19 ވާ ބުރާސްފަތި ދުވަހުން ފެށިގެން، 26 ވާ ބުރާސްފަތި ދުވަހަށް ސަރުކާރު ބަންދުކުރާއިރު ދެން ސަރުކާރު ހުޅުވޭނީ 29 ވާ އާދިއްތަ ދުވަހު އެވެ.