ދުނިޔެ ތަޖުރިބާކުރަމުން މިދަނީ ތާރީޚުން ފެންނަން އޮތް ދަތި ދުވަސްތަކެއް ކަމަށާއި މިހާލަތުން ސަލާމަތްކަން މިންވަރުކޮށްދެއްވެވޭނީ ﷲ އަށް ކަމަށް ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.
ޤައުމާއި މުޚާޠަބް ކުރައްވައި މިއަދު ދެއްވި ތަޤޢްރީރުގައި ސަލްމާން ރަސްގެފާނު ވިދާޅުވީ މުސްލިމުން ކެތްތެރިވާން ޖެހޭނެ ކަމަށާއި ކޮންމެ ދަތިކަމަކަށްފަހު ރަނގަޅު، އުފާވެރި ޙާލަތު މިންވަރުކުރައްވަވާނެކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތް ކަމަށެވެ.
"ސއުދީގައި ތިބި އެންމެންނަށް ބޭނުންވާ ބޭސްފަރުވާ އާއި ކެއިންބުއިމުގެ ކަންކަން ބަލަހައްޓާނަން. ރައްޔިތުންގެ ކިބައިން ބޭނުންވަނީ މިހާރެކޭވެސް އެއްފަދައިން އެއްބާރުލުން ދިނުން. ކޮރޯނާވައިރަސް އިން ސަލާމަތްވުމަށް ކުރެވެން ހުރި ހުރިހާ މަސައްކތްތަކެއް މިގެންދަނީ ކުރަމުން. އިތުރު ފިޔަވަޅުތައްވެސް މިގެންދަނީ އަޅަމުން." ކަމަސްވެސް ސަލްމާން ރަސްގެފާނު ވަނީ ވިދާޅުވެފައެވެ.
އިއްޔެ ޕޮޒިޓިވްވި 36 މީހުންނާއިއެކު އިއްޔެ އާއި ހަމައަށް ސައުދިޢަރަބިޔާގައި ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ 274 އަށް އަރައިފައެވެ.