ސައުދިޢަރަބިޔާގައި 21 ދުވަސްވަންދެން އިރު އޮއްސި 7 އިން ފެށިގެން ހެނދުނު 6 ޖަހަންދެން ކާފިޔު ހިންގަން ސަލްމާން ރަސްގެފާނު އަމުރުފުޅުކުރައްވަވައިފިއެވެ.
މިފަދަ އަމުރުފުޅެއް ނެރުއްވީ ޖީސީސީ ޤައުމުކުގައި ކޮރޯނާ ވައިރަސް ޖެހިފައި ތިބި މީހުންގެ އަދަދު 1700 އަށް އަރާފައިވާއިރު ސައުދީގައި 511 މީހުން ޕޮޒިޓިވެވެފައި ތިބުމާއި ގުޅިގެން ކަންބޮޑުވުން އިތުރުވުމުންނެވެ. ޖީސީސީގެ ޤަުމުތަކަށް ބަލައިފިނަމަ އެންމެ ގިނަ މީހުން ޕޮޒިޓިވްވެފައިވަނީ ސައުދީގައެވެ.
ރިޕޯޓްތައް ބުނާގޮތުން ތުރުކީން ޢުމްރާއަށް ދިއުމުން ކަރަންޓީނުގައި ބައިތިއްބާފައި ތިބި 72 މީހަކު ވެސް 511 މީހުންގެ ތެރޭގައި ހިމްނެއެވެ. މި72 މީހުން ޓްރޭސްކޮށް ހިފެހެއްޓީ ކޮންޓެކްޓް ޓްރޭސިން ހެދުމުގައެވެ. ސައުދީގައި ކޮރޯނާ ވައިރަސް ޖެހުނު 17 މީހަކު މިހާރުވަނީ ގަދަވެފައެވެ.