ޙައްޤަށް އިންކާރުކުރާ މީހުން ﷲ ހިއްޕަވާނެތެވެ! އެކަން ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަޙީ ކުރައްވަވައިފައެވެ. ބަޔާންކޮށްދެއްވަވައިފައެވެ. ޘަމޫދު ބާގައިގެ މީހުންނަށް ވީގޮތާއި ފިރުއަޢުނުގެ ލަޝްކަރު ހިއްޕެވިގޮތް ވަނީ ބަޔާންކޮށްދެއްވަވައިފައެވެ. ﷲ ތަޢާލާ ވަނީ މީސްތަކުންގެ ވަށައިގެންނެވެ.
ﷲ ތަޢާލާ ވަޙީކުރައްވަވާފައިވަނީ އެކަލާނގެ އާޔަތްތައް ދޮގުކޮށް އިންކާރުކުރާ މީހުން ހިއްޕެވުމަށް އެކަލާނގެ ތައްޔާރަށް އަބަދުވެސް ވޮޑިގެންވާ ކަމަށެވެ.
ކީރިތި ޤުރްއާނަކީ ލައުހުލްމަހްފޫޡްގައި ﷲ ތަޢާލާ ރައްކައުތެރިކުރައްވަވާފައިވާ، މަތިވެރިކަން ދެއްވަވާފައިވާ ފޮތެކެވެ. އެ ފޮތާއި އެއްވެސް މީހަކަށް ނުކުޅެވޭނެތެވެ. އެފޮތް ﷲ ތަޢާލާ ވަނީ ރައްކައުތެރިކުރައްވަވައިފައެވެ. ވީމާ އެ ފޮތާއި އެއްވެސް މީހަކަށް ނުކުޅެވޭނެތެވެ!
ބައަކު ކިތަންމެ ވަރަކަށް ޢަދާވާތްތެރިވެގެން އުޅުނު ނަމަވެސް ﷲ ތަޢާލާ، އެކަލާނގެ ފޮތާއި ކީރިތި ޤުރްއާން ޙިމާޔަތްކުރައްވަވާނެތެވެ! ދީން ފަތުރުއްވަވާނެތެވެ! އިްސްލާމް ދީނަށް ނަޞްރު ދެއްވަވާނެތެވެ! ބައަކު އެކަމަށް ހުރަސް އަޅަން ކިތަންމެ ވަރަކަށް މަސައްކަތްކުރި ނަމަވެސް އެއީ ކުރެވޭނެ ކަމެއް ނޫނެވެ!
- ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު